މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފްއިން ބުނީ މަސްވެރިކަން ކުރަމުން ދަނިކޮށް ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއްހެރި އަވަސް ފަރުވާބޭނުންވާ ކަމުގެ މައުލޫމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 1:31 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން، ސީ އެމްބިއުލާންސްގައި ބަލިމީހާ ވަނީ މިއަދު 3:21 ހާއިރު ގއ.ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ ލޮލަށް ބުޅި ހެރިފައިވަނީ "ސަމަކް" ނަމަކަށް ކިޔާ މަސް ދޯނީގައި ހުރި ފަޅުވެރިޔެއްގެ ލޮލަށް ކަމަށާއި އަވަސްފަރުވާ ދިނުމަށް، ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މަސްވެރިކަމަށް ނިކުމެ އުޅޭ މަސްވެރިންނަށާއި، ދޯނިތަކުގެ ފަޅުވެރިންގެ ލޮލަށް ބުޅި ހެރި އަނިޔާވާ ހާދިސާތައް މީގެ ކުރިން ވެސް ވަނީ ހިނގާފައެވެ. އެގޮތުން، މިފަދަ ހުރިހާ ހާދިސާއެއްގައި ވެސް އެމްއެންޑީއެފުން ދަނީ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.