ޗައިނާގެ ޔުނާން ޕްރޮވިންސްގެ ހުޅަނގު ދެކުނު ބިތުގައި މުސްލިމުން ގިނަ ސިޓީއެއް ކަމަށް ވާ ނަގޫ ގައި ހުރި ގަދީމީ މިސްކިތެއް ތަޅާލަން ސަރުކާރުން މަސައްކަތް ކުރާތީ އާންމުންނާއި ފުލުހުންގެ މެދުގައި ބޮޑު ކުރިމަތިލުމެއް ހިނގައިފިއެވެ.

13 ވަނަ ގަރުނުގެ މިސްކިތެއް ކަމަށް ވާ ނަޖިޔާއިން މިސްކިތުގެ މަތީ ގުއްބާއި 4 މުންނާރެއް މިފަހުން މަރާމާތު ކުރީ ގާނޫނާ ހިލާފަސް ކަމަށް އެ ސިޓީގެ ކޯޓަކުން ކަނޑައެޅުމާއެކު، އެތަންތަން ތަޅާލަން ވެސް ވަނީ އަމުރު ކޮށްފައެވެ.

ޔުނާން އަކީ މުސްލިމުން ގިނަ އަދި ހުއި ދަރިކޮޅަށް ނިސްބަތްވާ ގިނަ އަދެއްގެ ބަޔަކު އުޅޭ ތަނެކެވެ. އެތަން ތަޅާލަން ކޯޓުން ކުރި އަމުރާއެކު، ފުލުހުންގެ ބޮޑު ފައުޖެއް ވަނީ މިސްކިތް ވަށާލައި އެތަނަށް ނުވަދެވޭނޭހެން ގާޑް ކޮށްފައެވެ. ހަބަރުތައް ބުނާ ގޮތުން ގާތްގަނޑަކަށް 500 އެއްހާ ފުލުހުން މިސްކިތް ވަށައިގެން ވަނީ އެތުރިފައެވެ. މެންދުރު ނަމާދު ވަގުތު ޖެހުނު އިރުވެސް ފުލުހުން ޖާގަ ނުދީ ދޮރު ބަންދުކޮށްގެން ތިބުމުން، އާންމުން ވަނީ އަރައިގެންފައެވެ. ދެފަރާތުގެ ދެމެދުގައި ކުރިމަތިލުން ހިނގާ ބައެއް މީހުންނަށް އަނިޔާވި އިރު ފުލުހުން ވަނީ ގިނަ ބަޔަކު ހައްޔަރުވެސް ކޮށްފައެވެ.

ރަޔަޓް ގިއަރުގައި މުގުރު ހިފައިގެން ތިބި ފުލުހުން އާންމުންނާ ކުރިމަތިލި އިރު އަނިޔާވި ބައެއް މީހުންނަށް ފަރުވާ ދޭ މަންޒަރުތައް ސޯޝަލްމީޑިއާގެ ބައެއް އެކައުންޓްތަކާއި ބައިނަލްއަގުވާމީ ބައެއް ނޫސް އިދާރާތަކުން ވަނީ ދައްކާފައެވެ.

ނަން ނުޖެހުމަށް ޝަތުރުކޮށް އޭއެފްޕީއާ ވާހަކަ ދެއްކި މީހަކު ބުނީ، އެމީހުން ބޭނުން ވަނީ ގަދަކަމުން ވިޔަސް އެތަން ތަޅާލަން ކަމަށާއި އެފުރުސަތު ދޭން އެމީހުން [މުސްލިމުން] ބޭނުން ނުވާ ކަމަށެވެ.

"އިމާރާތަކީ އިމާރާތެއް އެއީ މީހަކަށް ގެއްލުމެއް ދޭ އެއްޗެއް ނޫން، އެތަން ތަޅާލަން ވީ ކީއްވެ"

މި ކަމާ ގުޅިގެން ނަގޫ ހިމެނޭހެން ތޮންގާއި ގައި އޮންނަ ސަރުކާރުން ބުނީ މަސްލަހަތު ނަގާލައި ހަމަނުޖެހުން ހިންގި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި ޖޫން 6 ގެ ކުރިން އަމިއްލަ އަށް އިދާރާތަކަށް ހާޒިރުވެ ކުށް ގަބޫލު ކުރާ މީހުންނަށް އަދަބު ލުއި ވެދާނެ ކަމަށެވެ.

ޗައިނާގެ މިހާރުގެ ރައީސް ޝީ ޖިންގް ޕިން ވެރިކަމަށް ވަޑައިގެންނެވި ފަހުން އެގައުމުގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މުސްލިމް ކޮމިއުނިޓީއަށް އެކި ޒާތުގެ ފިއްތުންތައް ކުރިމަތި ވަމުން ދެއެވެ. އެކަން ސަރުކާރުން ކުރަނީ، ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ހިންގާ ހަރަކާތުގެ ނަމުގައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން 2017 އިން ފެށިގެން މި ވީ މުއްދަތުގައި އުއިގޫރު އާއި ހުއި ފަދަ ސަރަހައްދުތަކަށް ނިސްބަތްވާ މިލިއަނަކަށް ވުރެ ގިނަ މުސްލިމުން ޒިންޖިއާންގެ ގެ ހުޅަނގު ބިތުގެ ކޭމްޕްތަކުގައި ވަނީ ހައްޔަރު ކޮށްފައެވެ.

އެމީހުން އެތާ ބައިތިއްބާފައި ތިބެނީ، "އަލުން ތައުލީމު ދިނުމަށް" ކަމަށް ބުނެއެވެ.