ގޭސްޓްރިކް އަށް ޖަހާ އިންޖެކްޝަން ބެޗެއްގައި މައްސަލަ ދިމާވުމުން އެ ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ބުނީ، އެސިލޮކް (ރެނިޓިޑިން އިންޖެކްޝަން)ގެ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފެނިފައިވާ ކަމަށާއި އެހެންކަމުން އެ ވައްތަރުގެ ބެޗު ނަމްބަރު RP21311 ރާއްޖެ އެތެރެކޮށް، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.

އެ ބޭހުގެ RP21311 ބެޗު އެއްވެސް ފާމަސީއަކުން ނުވަތަ ސިއްހީ ހިދުމަތް ދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅައި އަންގައިދިނުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފައެވެ.

އެމްއެފްއޭ އިން އިތުރަށް ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ތެރެއިން ބޭސް ސިޓީ އަށް ބޭސް އެތެރެކުރާއިރު، ހާއްސަ ސަމާލުކަން ދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރާނެ ކަމަށެވެ.

އެސިލޮކް އިންޖެކްޝަނަކީ ބަނޑުން އިތުރު އެސިޑް އުފައްދާ މިންވަރު މަދުކޮށްދޭ ބޭހެކެވެ. މިއީ ބަނޑުގައި ރިއްސައިގެން ގޭސްޓްރިކް ވެއްޖެ ހާލަތްތަކުގައި ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ ަޔަށް ޖަހާ އިންޖެކްޝަނެކެވެ. ރާއްޖޭގައި ވެސް މި އިންޖެކްޗަން އާންމުކޮށް ބޭނުން ކުރެއެވެ.