ވެމްކޯގެ ޗެއާމަން މުހައްމަދު އިބްރާހިމް މަނިކާއި އާސަންދަ ބޯޑުގެ މެންބަރު، އާމިލާ ލަތީފް މަގާމުން ވަކިކުރަން ޕީސީބީއަށް ރައީސް އޮފީހުން ފޮނުވައިފިއެވެ.

އެ ދެބޭފުޅުން މަގާމުން ވަކިކުރަން ފޮނުވާފައިވާ ކަނަް ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށް ދީފައެވެ.

މި ދެބޭފުޅުން މަގާމުން ވަކި ކުރުމަށް ރައިސް އޮފީހުން ޕީސީބީއަށް ފޮނުވާފައި މި ވަނީ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ސްލޮޓްތަކުގައި ސިޔާސީ މަގާމަށް އައްޔަން ކުރެއްވި ބޭފުޅުން ޕާޓީ ވަކިވާ ހިސާބުން މަގާމުން ވަކިކޮށްދޭން ރަސްމީކޮށް އެމްޑީޕީން ރައީސް އޮފީހުގައި އެދިފައި ވަނިކޮށެވެ.

މި ބޭފުޅުންގެ ތެރެއިން މަނިކު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފައެވެ. އޭނާއަކީ އެމްޑީޕީގައި ހުންނެވި އިރު ވިލިމާލެ ދާއިރާގެ އެމްޑީޕީގެ ކުރީގެ ރައީސް އަދި އިންތިހާބުތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

އާމިލާ މަގާމު ވަކި ކުރައްވާފައިވައިރު، އޭނާ އަކީ ޑިމޮކްރެޓްސްގައި އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފްގެ ކޮއްކޮއެވެ.

މި ދެބޭފުޅުން މަގާމުން ވަކި ކުރަން ސަރުކާރުން މަސައްކަތް ފަށާފައި ވާ އިރު، ޑިމޮކްރެޓްސް އަށް ސޮއިކުރި ޓޫރިޒަމް މިނިސްޓަރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތް)ގެ އިތުރުން އެންވާރްމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންސާރު އާއި އެމިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު ހަމްދާން އަދި ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓާ އާޝިޔަތު އަލައިކާ އަދުނާން ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވެފައި ވަނީ ސަރުކާރުގެ މަގާމުތަކުން ވަކި ކުރަމުންދާ މީހުންނަކީ އެމްޑީޕީގެ ސްލޮޓްތަކުގައި މަގާމުތަކަށް ވަޑައިގަތް ބޭފުޅުން ކަމަށެވެ. އެ ޕާޓީ ދޫކޮށްލުމުން އެ މަގާމުތަކުން އެބޭފުޅުން ވަކިކޮށް ދިނުމަށް އެމްޑީޕީން އެދިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޑިމޮކްރެޓްސްއަށް ސޮއިކުރާ މެންބަރުން ސިޔާސީ މަގާމްތަކުން ވަކިކުރާ މައްސަލާގައި ގިނަބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.