ސަރުކާރު ހިއްސާވާ 11 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން ބުނެފިއެވެ.

ޕީސީބީން ބުނެފައިވަނީ މި ބަދަލު ގެނެސްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

އެ ބަދަލުތަކަށް ބަލާއިރު އެމްޓީސީސީގެ ބޯޑަށް ހ. ފަށަން، އަލީ ނާއިލް ވަނީ އައްޔަނުކުރައްވާފައެވެ. އެމްއޭސީއެލްގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވި ޑރ. އިބްރާހިމް މަހްފޫސް ވަކިކޮށް އެ ކުންފުނީގެ ބޯޑަށް މ. ވެލާލުގެ، ސަހަރު ވަހީދު ވަނީ އައްޔަންކުރައްވާފައެވެ.

ސްޓެލްކޯގެ ބޯޑުގައި ހުންނެވި މޭޖާ (ރޓ) ތޮލްހަތު ހަސަން އާއި ބޯޑުން މީގެކުރިން އިސްތިއުފާ ދެއްވާފައިވާ އަހުމަދު ލަތީފްގެ ބަދަލުގައި އެ ކުންފުނީގެ ބޯޑަށް އައްޔަނުކޮށްފައިވަނީ ތ. ތިމަރަފުށީ ބޮޑުގެ، މުހައްމަދު އާމިރު އާއި ނ. މާފަރު، ފަސްމީރު އަހްމަދު ހާޝިމެވެ.

އެމްޕީއެލްގެ އެ ބޯޑުގައި ތިއްބެވި އިބްރާހިމް އަބްދުﷲ، އާޔަތުﷲ ހުސެއިން، ޖާދުﷲ ނާޒިމް، އިބްރާހިމް އާރިފް އަދި އަހުމަދު ލައިޝަމް ވަކިކޮށް، އެ ބޭފުޅުންގެ ބަދަލުގައި މއ. ފެސިނޭޝަން އަހުމަދު އިލްޔާސް އާއި ޅ. ކުރެންދޫ ސޯސަންގެ، އަހްމަދު ނިޔާޒް އަދި ގދ. ގައްދޫ މިރުސްމާގެ އަހްމަދު ފަހީމު ވަނީ އައްޔަނުކުރައްވާފައެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ބޯޑުން މ. ލޮނުވެލި، އަހުމަދު އުލްވާން ވަކިކޮށް ހ. އިރުދޮށުގެ އަހްމަދު އީހާބް އައްޔަން ކުރައްވާފައިވާއިރު އެމްއައިޓީޑީސީގެ ބޯޑުން ލ. ފޮނަދޫ/ރޯޝަންވިލާ، ފާތިމަތު އާސިޔާ އާއި ތ. ތިމަރަފުށި/އިރަމާގެ، މޫސާ މުސްތަފާގެ ވަކިކޮށް މއ. ދަނބުގަސްދޮށުގެ، މުހައްމަދު ޖަލީލާއި ގއ. ވިލިނގިލި/ބޯގަންވިލާ، އަހުމަދު އަމީން ވަނީ އައްޔަން ކުރައްވާފައެވެ.

އާސަންދަ ކުންފުނީގެ ބޯޑުން ދަފްތަރު ނަންބަރު 3029، އިބްރާހިމް ރަޝީދް، ރ. އަލިފުށި.ގުލަހަޒާރުގެ، އަބްދުﷲ ރަޝީދުގެ އިތުރުން ޏ. ފުވައްމުލައް، މިސްކިތްމަގު، އެލޭނއިރި، އަހުމަދު ސޮބާހު ވަކިކޮށް، ކ. ގުރައިދޫ/ސީޕްރީޒް، އާއިޝަތު ޖީނާ އާއި އއ. ރަސްދޫ/ފުނަމާގެ، އަހުމަދު ޝާކިރު އައްޔަންކުތރައްވާފައިވާއިރު ފަހިދިރިއުޅުން ކޯޕަރޭޝަންގެ ބޯޑުން ގ. މަތިހުރާ، މުހައްމަދު އާޒިމާއި ސ. ފޭދޫ/ޑޯރެންސީވިލާ، އަހުމަދު މުސާއިދު ވަކިކޮށް ސ.ހިތަދޫ/މަހުލަބުގެ، މަރްޔަމް ޒޫނާ އާއި މއ. މަލުވިލާ އުތުރުބައި، މުހައްމަދު އިމްތިޝާލް ވަނީ އައްޔަންކުރައްވާފައެވެ.

ހަމައެހެންމެ އެމްޓީޑީސީގެ ބޯޑުން ސ. ހުޅުދޫ/ތަނޑިރަތްމާގެ، މުހައްމަދު ޖަނާހު ވަކިކޮށް، ހއ. ވަށަފަރު/ބޮޑުގެ، ހުސެއިން ހަނީފް އައްޔަންކުރައްވާ، އެމްޑަބްލިޔުއެސްސީގެ ބޯޑުން އއ. ރަސްދޫ/ބްލޫމީޑް، އިބްރާހިމް އަންވަރު ވަކިކޮށް، ހ.ރުކުމާގެ، އާއިޝަތު ރޫހީ އަދި ރީޖަނަލް އެއާޕޯޓްސްގެ ބޯޑު ޑިރެކްޓަރަކަށް ހުޅުމާލެ ފްލެޓް ނަންބަރު 05-1-127، މުހައްމަދު ޝަފީގު ވަނީ އައްޔަންކުރައްވާފައެވެ.