ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން އަހަރީ އާންމު ޖަލްސާ ބާއްވާ އިރު، ގަވަނަންސް ކޯޑާ ހިލާފަށް ނުކުރާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފިއެވެ.

ޕީސީބީ އިން މިއަދު ކުންފުނިތަކަށް ފޮނުވަފައިވާ ސާކިއުލާއެއްގައި ބުނީ، ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިސަސްގެ އާޓީކަލް 18 ގެ 2 ވަނަ ނަންބަރުގައި ކުންފުނިތަކުން އަހަރީ އާންމު ޖަލްސާ ބާއްވަންވާނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ އޮފިޝަލުންނާއި ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން ހިމެނޭހެން ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ކޯޑާ ހިލާފަށް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން އަމަލު ކުރަމުންދާ ކަމަށް ފާހަގަވެފައިވާ ކަމަށް ޕީސީބީ އިން ބުނެއެވެ.

މިކަން ޕީސީބީ އިން ފާހަގަ ކޮށްފައިވީ ނަމަވެސް ގަވަނަންސް ކޯޑާ ހިލާފަށް އަމަލު ކުރަމުންދާ ކުންފުނިތައް ހާމައެއް ނުކުރެއެވެ.

ޕީސީބީން ބުނީ، އަހަރީ އާންމު ޖަލްސާ އަދި ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާތައް އިންތިޒާމް ކުރުމުހައި ގަވަނަންސް ކޯޑާ އެއްގޮތަށް ޕީސީބީގެ އޮފިޝަލުންނާއި ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން ހިމެނޭކަން ކަށަވަރު ކުރުމަށް އަންގާ ކަމަށެވެ. މި ޖަލްސާ ބޭއްވުމުގެ ކުރިން ކުންފުނިތަކާ ހިއްސާ ކޮށްފައިވާ އޮންލައިން ޗެކްލިސްޓް ފޯމް ފުރިހަމަ ކުރުމަށާއި އެ ފޯމްގެ ލިންކް ކުންފުނިގެ ސެކްރެޓަރީންނާއި ހިއްސާކޮށްފައިވާނެ ކަމަށް ޕީސީބީ އިން ބުނެއެވެ.

ޕސީބީގެ ގާނޫނީ ޒިންމާ އަދާ ކުރުމުގެ ގޮތުން އެ ބޯޑުން އަންގާ އެންގުންތަކަށް ކުންފުނިތަކުން އަމަލު ކުރުމަކީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އަދި އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން ސަރުކާރު އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނަށް ލާޒިމް ކަމެއް ކަމަށް ވެސް އެ ބޯޑުން ބުނެފައި ވެއެވެ.