ހުޅުމާލޭ ފޭސް 2 ގައި ބީއެމްއެލްގެ ދެ އޭޓީއެމް ބަހައްޓަން ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދުގައި އޭޓީއެމްއެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންގެ ފަރާތުން ވަނީ އެތައް ފަހަރަކު އައިސްފައެވެ.

އެކަމާ ގުޅިގެން ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބޭންކްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ، ހުޅުމާލޭ 2 ގައި ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް ދެ އޭޓީއެމް ބަހައްޓަން ބޯޑުން ނިންމާފައިވާ ކަަމަށެވެ.

އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށާއި އޭޓީއެމް ބަހައްޓައި އިތުރު ބްރާންޗެއް ހަދަން އެކަމަށް އެންމެ ރަނގަޅު އިމާރާތެއް ބަލަމުން އަންނަ ކަމަށް ވެސް ކާލް ވަނީ ވިދާޅުވެފައެވެ.

ކާލް ވަނީ މިއަހަރު، އަލަށް 56 އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާ ކަން ހާމަކުރައްވާފައެވެ. ހުރިހާ އޭޓީއެމްއަކީ ވެސް އިރުގެ ހަކަތަ ބޭނުންކޮށްގެން ހިންގޭ އޭޓީއެމް އަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކާލް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މިހާރު އެބަ ތިއްބެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށް ބީއެމްއެލުން ބުނެއެވެ.