އެމްޑީޕީއިން މާލޭގައި ހިންގަމުން އައި މައި ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ އެ ޕާޓީގެ މުދަލަށް ގެއްލުންދީ ހަރުގެ ހިސޯރުކުރި ކުރި ކަމަށް ބުނެ އެކަން އެ ޕާޓީއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިއަދު ހަވީރު އެ ހަރުގެއަށް ވަނީ އެމްޑީޕީން ވަކިވެގަނެގެން އުޅޭ ދަ ޑިމޮކްރެޓްސް އެވެ. އެމީހުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވާ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުއާއި އިތުރު މެންބަރުން ވެގެން ހަރުގެ ހުޅުވާފައި ވަނީ އެތަން ހުސްކުރަން ވެރިފަރާތުން އެމްޑީޕީއާ އެންގުމާ ގުޅިގެން އެމްޑީޕީއިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފާ ވަނިކޮށެވެ.
އެމްޑީޕީއިން ބުނީ އެ ޕާޓީއިން ބޭނުން ކުރަމުން އަންނަ ހަރުގެއަކީ އެ ގޭގެ ވެރިފަރާތާ އެކު ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަނެއް ކަމަށާއި ހަރުގެ ހުރި އިމާރާތުގެ ވެރިފަރާތާއެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް 2023 ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެ ކަމަށް އެއްބަސް ވެފައިވާ ކަމަށެވެ.
އެހެންނަމަވެސް އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައި ވާތީ އެއްބަސްވުމުގެ ދަށުން ޕާޓީއަށް ލިބިދޭ ހައްގުތައް ހިމާޔަތް ކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, ޕާޓީގެ މުދަލަށް ގެއްލުންދީފައި ވާ ކަމަށްވެސް އެމްޑީޕީއިން ފާހަގަ ކުރިއެވެ.
އެމްޑީޕީއިން ބުނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އަދި ވެރިފަރާތުގައިވެސް އެދިފައި ވާނީ އެ ޕާޓީއިން ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށްޓަކައި ޖުލައި 31 ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ހަމަޖައްސައި ދިނުމަށް ކަމަށެވެ.
އެމްޑީޕީއިން މިހެން ބުނާއިރު، ހަރުގެ އިމާރާތުގެ ވެރިފަރާތް އަދި އެމްޑީޕީގެ މެންބަރު ޝަފިއްޔާ ޒުބައިރު މިއަދު ބުނީ އެތަން ހުސްކުރަން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު އެމްޑީޕީއަށް ނޯޓިސް ދިނީ އެ ޕާޓީގެ ވެރިންނާ ވާހަކަދައްކާތާ ދުވަސްތަކެއްވީ ފަހުން ކަމަށެވެ. އަދި އެ ނޯޓިސްގެ ޖަވާބު އެމްޑީޕީއިން ފޮނުވީ 26 އޭޕްރީލްގައި ކަމަށާއި އެ ސިޓީގައި ބުނެފައި ވަނީ އަދި އެތަނުގައި މަޑުކުރަން ބޭނުންވާތީ ޖުލައި 31 އަށް އެތަން ހުސްކޮށް ދޭނެ ކަމަށެވެ.
ޝަފިއްޔާ ބުނީ އެމްޑީޕީއާއެކު އޮކްޓޯބަރު 2019 ގައި އެއްބަސްވުމެއް ހެދިފަހުން މުއްދަތު އިތުރުކުރަންވެސް އެ ޕާޓީއިން އިތުރަށް އެދިފައި ނުވާ ކަމަށާއި އޭރު ހެދި އެއްބަސްވުމުގައި، އެ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އިތުރު ނޯޓިސްއެއް ދިނުމަކާ ނުލާ ވެރިފަރާތަށް އެތަން ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ޝަފިއްޔާ އިތުރަށް ބުނީ އެމްޑީޕީއިން އޭނާގެ ވިޔަފާރިއަށް ހުރަސް އަޅަމުން ދިޔަ ކަމަށާއި އަމިއްލަ ދިރިއުޅުމަށް ވަރަށް ބޮޑު ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި އެކަމުގެ ބަދަލު ހޯދުމަށް އެމްޑީޕީއާ ދެކޮޅަށް ދައުވާ ކުރަން ގަސްތުކުރާ ކަަމަށްވެސް ޝަފިއްޔާ ބުނެއެވެ.