ސިންމާލެ ބްރިގް ހައިވޭގައި ހިނގި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާ ގަވައިދާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު ހިނގި އެކްސިޑެންޓްގައި 43 އަހަރުގެ ފިރިހެނަކު މަރުވެފައިވާ އިރު، އެ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހާމަކުރުމަށް ގޮވާލައި އެތައްބަޔަކު ޝަކުވާ ކުރަމުން ދާ ދަނޑިވަޅެއްގައެވެ. ބައެއް އާންމުން ވަނީ އެ ވަގުތު ހައިވޭގައި ކާރެއް އޮތް ކަމަށާއި ކާރު ހުއްޓިގެން ބާއްވާފައި ދާ އިރު، އެ ނެގޭނެ އިންތިޒާމްތައް ހަމަޖެހިފައި ނޯންނަ ނަމަ އެފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާނެ ކަމަށެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ހުކުރު ދުވަހުގެ ރޭގެ 12:04 ހާއިރު ހުޅުމާލެއިން މާލެއަށް އާދެވޭ ހައިވޭ "ހަލިމަގު" ގައި ސައިކަލަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓް ހިނގާފައި ވަނީ ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ލޭނުން ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް، އެ ލޭންގައި މަޑުކޮށްގެން އޮތް ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.
އެ ޕިކަޕު އެ ސަރަހައްދުގައި އޮތީ އެ ރޭ 8:07 ހާއިރު ހައިވޭއަށް ހުއްޓިގެން އެތާ ބާއްވާފައި އޮތް ކާރެއް ނެގުމަށް ކަމަށާއި އެއީ ފުލުހުންގެ ޕިކަޕެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ލޭނުގައި ޕިކަޕް މަޑުކޮށްގެން އޮތީ ވެހިކަލް މަޑުކޮށްފައި އޮތްކަން އަންގައިދޭ ހަތަރު ސިގްނަލް ވެސް ޖައްސައިގެން ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގެ މައްސަަލަ އަދިވެސް ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ނެރުނު ބަޔާނުގައި ވަނީ އެކްސިޑެންޓްތައް މަދުކުރުމަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތައް ދުއްވަން ޖެހޭ ސްޕީޑަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައެވެ. ހަމައެއާއެކު މަގުމަތީގައި ހުންނަ ޓްރެފިކް ނިޝާންތަކަށް ސަމާލުކަން ދިނުމަށާއި އެ ނިޝާންތަކާ އެއްގޮތަށް އުޅަނދުތައް ދުއްވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މި އެކްސިޑެންޓްގައި އަނިޔާވި މީހާ ވަގުތުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައެވެ.