މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް 15 ގައުމަކަށް ދައުވަތު ދީފައި ވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

މިއަދު އެ ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާއިލް ހަބީބް ކުރެއްވި ޓުވިޓެއްގައި ވަނީ އިންތިހާބު އޮބްޒާވްކުރުމަށް ދައުވަތު ދީފައިވާ ގައުމުތަކުގެ ލިސްޓް އާންމުކޮށްފައެވެ. މި ގޮތުން މި އަހަރުގެ އިންތިހާބު އޮބްޒާވްކުރުމަށް ދައުވަތު ދީފައިވަނީ:

  1. ޖޯޖިއާ
  2. ފިލިޕީންސް
  3. އިންޑޮނޭޝިއާ
  4. ތައިލެންޑް
  5. ދެކުނު ކޮރެއާ
  6. ދެކުނު އެފްރިކާ
  7. ކިރްގިސްތާން
  8. ހޮންޑިއުރަސް
  9. ސްރީލަންކާ
  10. ބޮސްނިއާ
  11. އޮސްޓްރޭލިއާ
  12. އުރުދުން
  13. ކެނެޑާ
  14. ޖަޕާން
  15. ނޭޕާލް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް 8 ގައުމެއްގައި ވޯޓު ފޮށި ބަހައްޓާން ނިންމާފައިވާއިރު އީސީން ބުނީ އެ ގައުމުތަކުގައި ވޯޓުލުމަށް މަދުވެގެން 150 މީހުން ރަޖިސްޓްރީވެފައިވާން ޖެހޭކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖުލައި23 ވަނަ ދުވަހު ހުޅުވާލާއިރު ސިޔާސީ ޕާޓީތަކުން އަންނަނީ މި އިންތިހާބަށް ފޯރިއާއި އެކު ތައްޔާރުވަމުންނެވެ. މި ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާދަކުރައްވާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޓިކެޓް ދީފައިވަނީ ރައީސް އަބްދުﷲ ޔާމީންއަށެެވެ. އަދި ޖުމްހޫރީ ޕާޓީން އިންތިހާބުގައި ގާސިމް އިބްރާހީމް ވާދަކުރައްވާއިރު އެމްއެންޕީގެ ޓިކެޓް މުހައްމަދު ނާޒިމް އަށް ވަނީ ދީފައެވެ.

މީގެ އިތުރުން މި އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އިން ވާދަކުރާނެކަން ހާމަކޮށްފައިވާއިރު އަމިއްލަ ގޮތުން ވާދަކުރާނެކަމަށް އުމަރު ނަސީރުވެސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި އިންތިހާބުގައި ފާރިޝް މައުމޫނު ވާދަކުރައްވާނެކަމުގެ އަޑުތައްވެސް ވަނީ ގަދަވެފައެވެ.