ދިވެހި ފިލްމު އިންޑަސްޓްރީގެ ރާނީ ނިއުމާ މުހައްމަދާއި އޭނާގެ ދަރިފުޅު ޒޯޔާގެ ނަމުގައި ހަދާފައިވާ ކުންފުނި ނިއުޒޯ ފިލްމްސްއިން ގެނެސްދޭ ފިލްމު "ކަޅަކި" އަންނަ އޮކްޓޯބަރު މަހު އޮލިމްޕަސް ސިނަމާއަށް ގެންނަން ނިންމައިފިއެވެ.

"ކަޅަކި" ގެ ރަސްމީ ފޭސްބުކް ޕޭޖުގައި ފިލްމުގެ ޓީޒާ އާއެކު މި ފިލްމު އަންނަ އޮކްޓޯބަރު މަހު ސިނަމާއަށް ގެންނަކަން އިއުލާން ކުރި ނަމަވެސް ވަކި ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. މީގެ ތިން އަހަރު ކުރިން މި ފިލްމުގެ ޝޫޓިން ނިމިފައި ވާއިރު މި ފިލްމު އޮލިމްޕަހަށް ނުގެނެވި ދިގުލައިގެން ދިޔައީ ކޮވިޑްގެ ވަބާ މުޅި ދުނިޔެއަށް ފެތުރި، އޮލިމްޕަސް ސިނަމާ ބަންދުކުރުމާ ގުޅިގެންނެވެ. މިއަހަރު އޮލިމްޕަސް ސިނަމާ ރަސްމީކޮށް ހުޅުވާފައި ވާއިރު އަހަރުގެ މިހާތަނަށް އޮލިމްޕަހުގައި ވަނީ ތިން ދިވެހި ފިލްމެއް އަޅުވާފައެވެ. ފިލްމު އިންޑަސްޓްރީގެ އެކި ކުންފުނިތަކުން ހަދާފައިވާ ފީޗާ ފިލްމުތައް ފުލުފުލުގައި އަޅުވަން ވަނީ ނިންމާފައެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކުރާ އެ ފިލްމަކީ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. "ކަޅަކި" ފިލްމުގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، އައިމިނަތު ރިޝްފާ، މުހައްމަދު މަނިކް، ޔޫސުފް ޝަފީއުގެ އިތުރުން ލަހޫ އާއި ވާޝިޔާ ހިމެނެ އެވެ.

ސްރީލަންކާގެ ކޮލޮމްބޯ، ކެންޑީގެ އިތުރުން ނުވަރަލިޔާގެ ހިތްގައިމު މާހައުލުގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ބިރުވެރި ފިލްމެކެވެ.