ވަރިވާން ހުށަހެޅި މައްސަލައަކާ ގުޅިގެން އަންހެނަކަށް ގުޅާ، މެސެޖު ކުރި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑު ކޮށްފިއެވެ.
އެކަމާ ގުޅިގެން ޖޭއެސްސީއިން ބުނީ އަލީ އާދަމް ސަސްޕެންޑް ކޮށްފައި ވަނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ހަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލައިގެ ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް ކަމަށެވެ.
މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަން ދެން އަލީ އާދަމް ސަސްޕެންޑުކުރުމަށް މިރޭ އެ ކޮމިޝަނުން ބޭއްވި ކުއްލި ޖަލްސާއިން ނިންމާފައިވާ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު އެޕްރީލް މަސްތެރޭގައި ވެސް އަލީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެގެން ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ވަނީ ފިޔަވަޅު އަޅާފައެވެ. މި ގޮތުން ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަ ކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވުމާއި އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަން ވަނީ ސާބިތުވެފައެވެ.
މީގެ އިތުރުން އަލީ އާދަމް ޖަމްއިއްޔާއެއް އުފައްދައި ހަރަކާތްތެރިވެފައި ވާކަން ސާބިތުވެފައި ވާއިރު އަލީ އާދަމް އުފެއްދި ޖަމްއިއްޔާއިން އިސްނަގައިގެން ހދ. ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި އަލީ އާދަމް އަމަލީ ގޮތުން ބައިވެރިވެފައި ވާތީ އާއި އެ ހަރަކާތަކީ ސިޔާސީ ހަރަކާތެއްގެ ގޮތުގައި އާންމުން ދުށުމުގެ ފުރުސަތު އޮތް ހަރަކާތެއްކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ. އަދި އަލީ އާދަމްގެ ފޭސްބުކް އެކަންޓުން އެ ހަރަކާތް އިޝްތިހާރު ކުރުމަށް މަސައްކަތް ކޮށްފައި ވާއިރު ފޭސްބުކު ޕޭޖުގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ފާޅުކޮށްފައިވާ ޝުއޫރުތަކަކީ އޭނާ ހިއްސާކޮށްފައިވާ ތަކެތިކަމަށް ބުނެ ވަނީ އިއުތިރާފު ވެފައެވެ.
އެއީ ސިޔާސީގޮތުން ފާޅުކޮށްފައިވާ ހިޔާލުތަކާއި ޝުއޫރުތަކެއް ކަމަށް އާންމުން ދުށުމުގެ ފުރުސަތު ފާޅުކަން ބޮޑު ގޮތެއްގައި އޮތް ކަމެއްކަމުގައި ޖޭއެސްސީ އިން ވަނީ ނިންމާފައެވެ. އަދި ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަތަ ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހަކު ކޮށްގެން ނުވާނެ ފަދަ އަމަލެއް އަލީ އާދަމް ކުރިކަން ސާބިތުވެ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް 02 ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް އޭރު ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.
ޢަލީ އާދަމަށް އެކަނިތަ ފިޔަވަޅު އަޅަންވީ ކޮބާ ކްރިމިނަލްކޯޓުގައި ތިބި ގާޒީން