ހައި ކޯޓުގެ ފަނޑިޔާރުކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު ހަމަޖައްސަން ޖޭއެސްސީން ނިންމާފައިވާއިރު، އޭނާގެ ނަން އަނބުރާ ނެގުމަށް ޝަހީދު އެދިވަޑައިގެންފިއެވެ.
އޭނާގެ ނަން އަނބުރާ ނެގުމަށް އެދި ޖޭއެސްސީއަށް ސިޓީ ފޮނުވާފައިވަނީ ޖުޑީޝަރީއަށް އޮތް އިތުބާރު ދެމެހެއްޓުމަށް ކަމަށް ބުނެއެވެ. އެގޮތުން އެ ސިޓީގައި ވަނީ ފަނޑިޔާރުކަމުގެ މަގާމާ ޝަހީދު ހަވާލުވެވަޑައިގެންފިނަމަ، ޖުޑީޝަރީގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލިގެންދާނެ ކަމަށް ބުނެ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމަށާއި އެހެންކަމުން ޖުޑީޝަރީގެ އިތުބާރު ރައްޔިތުންގެ މެދުގައި ދެމެހެއްޓުމަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ.
ޝަހީދު މިފަދައިން އެދިވަޑައިގެން ސިޓީ ފޮނުއްވާފައިވާއިރު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަނު ކުރުން ހުއްޓުވަން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަވެސް އެ ކޯޓުން ވަނީ ބަލައިގެންފައެވެ.
ރޮސެކިޔުޓާ ޖެނެރަލް އޮފީހުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުމަދު ނައުޝާދު ހުށަހެޅި މި މައްސަލަ ސިވިލް ކޯޓުން ބަަލއިގެންފައިވާއިރު، ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މި މައްސަލަ ކޯޓުން މިއަދު ބަލައިގެން ނަމަވެސް ވަގުތީ އަމުރެއް ނެރުމާ މެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
މި މައްސަލަ ނައުޝާދު ހުށަހެޅުއްވީ ޖޭއެސްސީން، ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރަން ނިންމި ނަމަވެސް އޭނާގެ ޝަރުތު ހަމަނުވާކަން ފާހަގަކޮށެވެ. އެގޮތުން ނައުޝާދު ވިދާޅުވީ ހައި ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންވެސް ހިމެނޭކަމަށެވެ.
ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން ނިންމީ ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލީ 18 މީހުންގެ ތެރެއިންނެވެ. ހައިކޯޓުގެ 2 ފަނޑިޔާރުންގެ މަގާމު ހުސްވެފައި ވަނީ އެ ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި ގުޅިގެންނެވެ.