މިދިޔަ މަހު އެކަނި ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި 93 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިދިޔަ ޖުލައި މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި 93 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އެއީ ފިރިހެން ކުދިންނާ ގުޅޭ 37 މައްސަލަ އަދި އަންހެން ކުދިންނާ ގުޅޭ 56 މައްސަލައެވެ.
މީގެތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ އަންހެން ކުދިންނަށް ކޮށްފައިވާ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ ގޯނާގެ 18 މައްސަލައެއް ހުށަހަޅާފައިވާއިރު ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިސްމާނީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން އަންހެން ކުދިންނާ ގުޅޭ ޖިސްމާނީ ހާނިއްކައިގެ 11 މައްސަލައެއް ހުށަހަޅާފައިވާއިރު ފިރިހެން ކުދިންނާއި ގުޅޭ 10 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
މީގެއިތުރުންވެސް ބްލެކްމެއިލް ކުރުމާއި، އިހުމާލުވުމުގެ މައްސަލަތަކުގެ އިތުރުން ގަނާ ކުރުމާއި ބިރު ދެއްކުމުގެ މައްސަލަވެސް ހުށަހަޅާފައިވެއެވެ.
ތަފާސްހިސާބުތަކުން ހާމަވާގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 152 ކުދިން ތިބިއިރު އެއީ 82 ފިރިހެން ކުދިންނާއި 70 އަންހެން ކުދިންނެވެ.
ފާހަގަކުރެވޭ ގޮތުގައި ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ ރާއްޖޭގައި އިތުރުވެފައިވާ މައްސަލައެކެވެ. ދުވަހަކަށްވުރެ ދުވަހެއް މިފަދަ ކަންކަން ތަހައްމަލު ކުރާ ކުދިން އިތުރުވަމުންދާއިރު، މިފަދަ މައްސަލަތަކުގައި ޝާމިލުވާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވެސް ވެއެވެ.
މީގެއިތުރުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިންވެސް ދަނީ އިތުރުވަމުންކަން ފާހަގަކޮށް ފުލުހުން ވަނީ މިފަދަ ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި، އަދި ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާ ކުރުމަށް އިލްތިމާސްކޮށްފައެވެ.