މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޕީއެލްއިން ބުނީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހިންގާ މި ޕްރޮގްރާމްގައި މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ބައިވެރިވެވޭނެ ކަމަށެވެ. އަދި އެ ޕްރޮގްރާމް ހިންގަނީ ލާނިން އެންޑް ޑިވެލޮޕްމަންޓް (އެލްޑީޑީ) ޑިޕާޓްމަންޓް އިން މި އަންނަ މަހުގެ 25 އިން 3 އޯގަސްޓް ވަނަ ދުވަހާ ހަމައަށް ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ އެ ޕްރޮގްރާމްގެ އެއް ބޭނުމަކީ އެމްޕީއެލްގައި އޮތް ވަޒީފާގެ ފުރުސަތުތަކާއި ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކުރުމާއި މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކުރުވުން ކަމަށެވެ. އަދި ޕޯޓުގައި ކުރާ މަސައްކަތްތަކާމެދު ދަރިވަރުން އަހުލުވެރިކުރުމަކީ ވެސް އެ ޕްރޮގްރާމްގެ ބޭނުމެއް ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެ އިންޓާންޝިޕް ޕްރޮގްރާމްގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި މެކޭނިކަލް، ސިވިލް، މެރީން އަދި އިލެކްޓްރިކަލް އިންޖިނިއަރިން ހިމެނޭއިރު އިންޕޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) އާއި ބިޒްނަސް ޑިވެލޮޕްމަންޓް އަދި މާކެޓިން ދާއިރާވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ ޕްރޮގްރާމަށް ހޮވޭ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު ކޮންމެ ކުއްޖަކަށް ވެސް މެންޓާއެއް ހަމަޖައްސާނެ ކަމަށާއި މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމާއެކު މައުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓާގެ ގޮތުގައި ކަނޑައަޅާފައިވާ މުވައްޒަފުން ކަމަށެވެ.

އެމްޕީއެލްއިން އިތުރަށް ބުނީ އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް މި މަހުގެ 31 ގެ ކުރިން މި ފޯމް ފުރިހަމަކޮށްގެން އެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.