މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ފައިސާގެ ތެރެއިން ނުދައްކައި އޮތް އެއް މިލިއަން ރުފިޔާ ދެއްކުމަށް އެޓާނީ ޖެނެރަލްއިން ދިން ފުރުސަތަށް އަދީބު އެއްބަސްވެއްޖެއެވެ.

އެ ޖޫރިމަނާ ފައިސާ ނުދައްކާ އޮތުމުން ތިން އަހަރު ފަހުން އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު އަދީބު ވަނީ ކޮމިޓްމެންޓްގެ ގޮތުގައި ފުރަތަމަ 1 ލައްކަ ރުފިޔާ ދެއްކުމަށްފަހު ބާކީ އޮތް އަދަދު ކޮންމެ މަހަކު 20،000 ރުފިޔާގެ މަގުން ދެއްކުމުގެ ފުރުސަތަކަށް އެދިފައެވެ. އެހެންނަމަވެސް އޭޖީއިން ވަނީ ކޮމިޓްމަންޓް ފައިސާގެ ގޮތުގައި 2 ލައްކަ ރުފިޔާ ދެއްކުމަށްފަހު ބާކީ ފައިސާ 20،000 ރުފިޔާގެ މަގުން 3 އަހަރަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދީފައެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި އަދީބުގެ މައްޗަށްކުރި 8 ދައުވާއެއް ސާބިތުވެ އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި އޭގެ ތެރޭގައި މަނީލޯންޑަރިންގެ 2 ދައުވާއެއް ސާބިތުވެ 1 މަސް ދުވަހުގެ ތެރޭގައި 2 މިލިއަން ރުފިޔާ ދެއްކުމަށް 2020 ވަނަ އަހަރު އަދީބުގެ މައްޗަށް ހުކުމްކޮށްފައި ވީ ނަމަވެސް އެ މުއްދަތުގައި އަދީބު އެ ފައިސާ ދައްކާފައެއް ނުވެއެވެ.

އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލުހުކުމެއް އިއްވާ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއް ހެދުމަށްފަހުއެވެ. އެ އެބަސްވުމުގެ ދަށުން އޭނާ ވަނީ 7 ދައުވާއަކަށް އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ ދައުލަތުން ވަނީ އަދީބުއަށް އަދަބު ލުއިކޮށްދީފައެވެ. އަދި އަދީބުގެ ސިއްހީ ހާލަތު ތަންނުދޭތީ ކަމަށް ބުނެ އޭނާ ވަނީ ގޭ ބަންދަށް ދޫކޮށްލާފައެވެ.