މިދިޔަ ބުރާސްފަތި ދުވަހު ފ. ފިލިތެޔޮ ކައިރިން ކަނޑު އަޑިއަށް ފައްތާފައި ހުރި މަސްތުވާތަކެތީގެ ބަރުދަނުގައި 45 ކިލޯ ހުރި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ އެ މަސްތުވާތަކެތި ފެނުމާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށާއި އެ އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހިރޮއިންގެ 45 ކިލޯ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން މީގެ ކުރިން ބުނީ އެތަކެތި ފެނުނީ ކަނޑުފައްތާފައިވާ މަސްތުވާތަކެތި ތަކެއް ހުރި ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ފާފު އަތޮޅު ފުލުހުން ހިންގި އޮފަރޭޝަނެއްގައި ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފަހުގެ ތާރީހުތަކުގައި ހޯދާފައިވާއިރު އޭގެން ބައެއް ތަކެއްޗަކީ ރާއްޖެ އެތެރެކުރަން މަސައްކަތް ކުރުމުގެ ތެރޭގައި އަތުލައިގެންފައިވާ ތަކެއްޗެވެ.