އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާގެ މަރުވުމުގެ ކުރިން ޒުވާބުކުރީ ފާހާނައިގެ އިސްކުރެއް ނުހަދާ ހުކުރުމުން ކަމަށް އޭނާގެ ފިރިމީހާގެ މާވިން އެސްވައި ވާގަސް ބުނެފައިވާ ކަމަށް ހެކިވެރިޔަކު ބުނެފިއެވެ.

އެ މައްސަަލާގައި މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުންތަކެވެ. އެގޮތުން މިއަދު ބޭއްވި އަޑުއެހުމުގައި ނަގާފައިވަނީ މޭރީއަށް ފަރުވާދިން ދެ ޑޮކްޓަރުންގެ ހެކިބަހާއި އިވެންސްޓިގޭޝަން އޮފިސަރެއްގެ ހެކިބަހެވެ.

މި މައްސަލައިގައި މިއަދު ހެކިބަސް ދިން އިވެންސްޓިގޭޝަން އޮފިސަރު ބުނީ މާވިންގެ ފަރާތުން މައުލޫމާތު ފުރަތަމަ ލިބުނީ ބިދޭސީ އަކު ދަންޖެހިފައިވާ ކަމަށެވެ. އަދި އެ ދެމީހުންގެ ދެމެދު ހިނގާފައިވާ ޒުވާބުގެ ވާހަކަ އޭނާއަށްވެސް މާވިން ކިޔައިދިންކަން ފާހަގަކުރަމުން އެ އޮފިސަރު ބުނީ އެ ޒުވާބުކުރީ އެގޭ ފާހާނައިގެ އިސްކުރެއް ނުހަދާ ހުރުމުން ކަމަށް މާވިން ބުނެފައިވާ ކަމަށެވެ.

އެޒުވާބުގެ ތެރެއިން މޭރީ އަމިއްލަ މޫނުގައި ތަޅާއި ފާރުގައި ބޯ ތަޅަމުން ދިޔަ ކަމަށާއި އޭގެ ފަހުން މާވިން ކޮޓަރިން ނިކުމެފައި އައިއިރު މޭރީ ދަންޖެހިފައި ހުރި ކަމަށް މާވިން ބުނި ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. އަދި މި މައްސަލައިގައި ސީންއަށް ގޮސް ހެކި ނެގުން ފިޔަވައި އިތުރު މަސައްކަތެއް އޭނާ ކޮށްފައެއް ނުވާ ކަމަށް އޮފިސަރު އިތުރަށް ބުންޏެވެ.

މިއަދު ހެކިބަސްދިން ދެ ޑޮކްޓަރުންވެސް ހެކިބަސްދެމުން ބުނީ މޭރީގެ ކަރުގައި ދަންޖެހުނު ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. މީގެ ކުރިންވެސް މޭރީއަށް ފަރުވާދިން ޑޮކްޓަރަކުވެސް ހެކިބަސް ދީފައިވާއިރު އޭނާވެސް ބުނެފައިވަނީ ހަމަ މިފަދައިންނެވެ.

މިއަދު ޑޮކްޓަރު ހެކިބަސް ދެމުން ބުނީ އެކަން އެހެން ދިމާވީ މާވިންއާއި މޭރީއާ ދެމުދު ހިނގި ޒުވާބަކަށްފަހު ކުޑަ ވަގުތުކޮޅަކަށް މާވިން ބޭރަށް ދިޔަ ވަގުތު ކަމަށް މާވިން ބުނި ކަމަށެވެ. އަދި މާވިންއާ ހަވާލާދީ އިތުރަށް އެ ޑޮކްޓަރު ބުނީ މޭރީ ހުރީ ބެޑްޝީޓެއް ކަރުގައި އައްސައިގެން ދަންޖެހިފައި ކަމަށެވެ. އެހެންނަމަވެސް ޑޮކްޓަރު ބުނީ ހޮސްޕިޓަލަށް މޭރީގެ ހަށިގަނޑު ގެންދިޔަ އިރުވެސް ވިންދެއް ނެތް ކަމަށާއި ނޭވައި ނުލާ ކަމަށެވެ. އަދި ވިންދު ގެނައުމަށް ވަގުތުން މަސައްކަތް ފެށިކަން ފާހަގަކުރަމުން ޑޮކްޓަރު ބުނީ ދެ ފަހަރެއްގެ މަތިން އިލެކްޓްރިކް ޝޮކެއް ދެވުނު ހަނދާންވެސް ވާ ކަމަށެވެެ.

ޑޮކްޓަރު އިތުރަށް ވަނީ މޭރީގެ މޫނުމަތި ނޫކުލައިގައި އޮތް ކަމަށާއި އެއީ ނޭވާ ހާސްވެގެން ވާނެ ގޮތް ކަމަށް ބުނެފައެވެ. އަދި މި މައްސަލައިގައިގެ ތަހުގީގުގައި ލަމްހާ ދިރިއުޅެމުން ދިޔަ ކޮޓަރިން ފެނުނު ބޭސްތަކުގެ ވާހަކައާ ގުޅިގެން ޑޮކްޓަރު ބުނީ އެ ތަކެއްޗަކީ އެމެޖެންސީ ރޫމްތެރޭގައި ވަކި ކަބަޑެއްގައި ތަޅުލާފައި ބަހައްޓާ އެއްޗެހިތަކެއް ކަމަށާއި އެ ކަބަޑުގެ ތަޅުދަނޑި އޮންނަނީ އެވަގުތަކު ޑިއުޓީގައި ހުންނަ ނަރުހުގެ އިންޗާޖް އަތުގައި ކަމަށެވެ. އެހެން ނަަމަވެސް އެ ވަގުތެއްގައި ހުންނަ އިންޗާޖަކު ބައެއް ފަހަރު މުވައްޒަފުންނަށް އިތުބާރު ކޮށް ތަޅުދަނޑި ދޭ ކަމަށްވެސް ޑޮކްޓަރު ފާހަގަކުރިއެވެ.

އެ ކޮޓަރިން ފެނުނު ބޭސްތައް އިތުރަށް ތަފްސީލުކޮށްދެމުން ޑޮކްޓަރު ބުނީ އެކައްޗަކީ ހޭ ނައްތަން ޖެހިއްޖެ ހާލަތެއްގައި ދެވޭ އިންޖެކްޝަނެއް ކަމަށާއި އަނެއް ބޭހަކީ ލޭގެ ޕޮޓެންޝަލް ދަށްވާ ހާލަތުގައި ބޭނުންކުރާ ބޭހެއް ކަމަށެވެ. އަދިހިނދުކޮޅަކަށް ނިންދަވާފައި ހޭނައްތާލާނެ ބޭހެއް ވެސް ފެނިފައިވާ ކަމަށް ޑޮކްޓަރު ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި ލަމްހާ ގެއަށް ބަދަލުކޮށްދިނުމަށްވެސް އޭނާގެ ދިފާއީ ވަކީލުން އެދިފައިވާއިރު ދިފާއީ ވަކީލު ޔާމީން ވިދާޅުވީ މި މައްސަލާގައި މޭރީ މިހާރު ދުނިޔޭގައި ނެތް ކަމަށާއި އިތުރަށް ނުރައްކާ އޮތް ބަޔަކު ވަޒަން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ލަމްހާ އަކީ ނަފްސާނީ މައްސަލަތައް ވެސް ތަހައްމަލް ކުރަމުންދާ މީހެއް ކަމަށާއި އެހެންކަމުން ޝަރުތުކޮށްފައި 100 ދުވަހަށް ލަމްހާ ޓެސްޓްކޮށްލަން ބަންދުން ދޫކޮށްދިނުމަށް ވަކީލު ވަނީ އެދިފައެވެ.

އެކަމަށް ދައުލަތުން އިއުތިރާޒުކޮށްފައިވާއިރު އެ މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވެސް ވިދާޅުވީ މިވަގުތު ލަމްހާ ދޫކޮށްލަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެކަމަކު ލަމްހާގެ ފަރާތުން މިއަދު ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

މި މައްސަލާގައި ލަމްހާގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. އަދި މާވިންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.