ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވި މީހަކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެ ޖަލަށްލާން ހުކުމްކޮށްފައި ވަނީ ޏ. ފުވައްމުލައް، ހޯދަޑު/ ބޯގަންވިލާ ސާމީ އަބްދުލްހަމީދުގެ މައްޗަށެވެ.
ސާމީ ހައްޔަރުކޮށްފައިވަނީ މާލެ ކުރިކީލަމަގުގައި ހުންނަ ސްކައި ޕްރިންޓް ކައިރީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނޮވެމްބަރު 15، 2016ގައެވެ.އެގޮތުން ފުލުހުން އޭނާ ބަލައި ފާސްކުރިއިރު އޭނާގެ އަތުގައި އޮތް ނޫކުލައިގެ ޕްލާސްޓިކް ކޮތަޅެއްގެ ތެރޭގައި އޮތް ކުޑަ ފޮށްޓެއްގެ ތެެރެއިން 101.7 ގްރާމް ގެ ކެނެބިސް ފެނިފައިވެއެވެ.
ސާމީގެ އަތުން ފެނުނު މަސްތުވާތަކެތީގެ ތަހުލީލުގެ ރިޕޯޓާމެދު އޭނާ ސުވާލުއުފައްދާފައިވާއިރު އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއްކަން ޕްރޮސިކިއުޝަންސްއިން ވަނީ ޝަރީއަތަށް ސާބިތުކޮށްދީފައެވެ. އަދި މަސްތުވާތަކެތި ފެނުނު ފޮށިގަނޑާ ސާމީ ހަވާލު ވިކަމާއި އޭނާގެ އަތުގައި އެ ފޮށިގަނޑު އޮތްކަން އޭނާއަށް އެނގޭކަން ނަފީ ކުރާނެ އެއްވެސް ކަމެއް ސާމީގެ ފަރާތުން ޝަރީއަތަށް ހުށަލަޅާފައެއް ނުވެއެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 108 ވަނަ މާއްދާގެ ހ ގެ ދަށުން ސާމީގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުކަމަށް ނިންމާ 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 25 އަހަރަށް ޖަލަލަށްލުމަށް ހުކުމްކޮށްފައިވާއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ސާމީ ބަންދުގައި ހޭދަކުރި މުއްދަތު ޖަލު އަދަބުން އުނި ކުރުމަށް ވެސް ހުކުމުގައި ކަނޑައަޅާފައިވެއެވެ.
1 ލައްކަ ރުފިޔާގެ ޖޫރިމަނާ މި މަހުގެ ހޯމަ ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކަން ޖެހޭނެ ކަމަށް ވެސް ހުކުމްގައިވެއެވެ. ސާމީގެ މައްޗަށް 1 ލައްކަ ރުފިޔާގެ ޖޫރިމަނާ ކަނޑައަޅާފައިވަނީ މައްސަލައިގެ ހާދިސާއަށް ބެލުމަށްފަހު ފައިސާގެ މުއާމަލާތްތައް ހިނގާފައިވާކަން އެނގެން ނެތުމުގެ އިތުރުން ސާމީގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިނުވާތީއެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން 14 ގްރާމަށްވުރެ ގިނަ އަދަދަކަށް ކެނެބިސް ފެނިއްޖެނަމަ އެއީ ކެނެބިސް ޓްރެފިކް ކުރުން ކަމުގައި ބެލެވޭނެއެވެ. އަދި ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 1 ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ. އެ ގާނޫނުގެ ދަށުން މި ކުށަށް އުމުރަށް ޖަލަށް ލުމުގެ އަދަބު ފިޔަވައި އެހެން އިހްތިޔާރެއް ދީފައި ނުވި ނަމަވެސް ޖޫރުމަނާގެ އަދަދު ކަނޑައެޅުމުގައި އިހްތިޔާރު ދީފައި އޮވެއެވެ.