ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އިސްވެ އުފައްދަވާ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމާ އެކު، އެ ޕާޓީ އަށް މެންބަރުން ވެއްދުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ޑިމޮކްރަޓްސްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސްޕޯކްސްޕާސަން ފާތިމަތު އަފްޝަން ލަތީފް ވިދާޅުވީ، ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ ގުޅިގެން، ޕާޓީ އުފެއްދުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ 3،000 މެންބަރުންގެ ފޯމް ހަމަކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

"ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވުމަށް ފަހު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް (ކ-ވ) ފޯމް ހިއްޕަވައިގެން / ފޮޓޯ: ދަ ޑިމޮކްރެޓްސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވެފައި އޮތް ނަމަވެސް، އޭގެ ކުރިން ޕާޓީ ރަޖިސްޓްރީކުރުމުގެ ކަންކަން ނިންމާލެވޭނެ ކަމުގެ ޔަގީންކަން އަފްޝަން ދެއްވިއެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނީ އަންނަ ޖުލައި މަހުގެ 23 ގައެވެ. އަދި ޑިމޮކްރަޓްސް އުފައްދަން ދީފައިވާ ހުއްދަ ހަމަވާނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހަށެވެ.

ނަމަވެސް ވަރަށް ގިނަ މަސައްކަތްތައް އަދިވެސް ކުރަން އެބަހުރިކަން ފާހަގަކުރައްވައި އަފްޝަން ވިދާޅުވި ގޮތުގައި، މިވަގުތު ޑިމޮކްރަޓްސް އިން އެންމެ ބޮޑު އިސްކަމެއް ދޭނީ 3،000 މީހުންގެ ފޯމާ އެކު ޕާޓީ ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށެވެ. އެއަށްފަހު ޕާޓީގެ އަސާސީ ގަވައިދާއި ސިޔާސަތުތައް އެކުލަވާލައި، އިންތިހާބަށް ކެމްޕެއިން ކުރުމުގެ މަސައްކަތްތައް ފެށޭނެ ކަމަށް ވިދާޅުވިއެވެ.

އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރައްވަނީ / ފޮޓޯ: ދަ ޑިމޮކްރެޓްސް

އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަން އެންމެ ފުރަތަމަ ހާމަކުރީ މިދިޔަ ބުދަ ދުވަހު، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުރުން، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ހިމެނިވަޑައިގަންނަވައެވެ.

އެ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އީވާ ވިދާޅުވީ، ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތްތައް ފަށާފައި ވަނީ އާ އުންމީދަކާ އެކުގައި ކަމަށާއި، ރާއްޖޭގެ މުސްތަގްބަލާއި ޒުވާނުންނަށާއި ސިޔާސީ މައިދާން ބައްޓަންކުރުމަށް އާ އުންމީދުތަކެއް އެބައޮތް ކަމަށެވެ.