އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އޮސްޓްރޭލިއާ އަށް ވަޑައިގަތުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއާޕޯޓާ ހަމައިން ފެށިގެން މަރުހަބާގެ ބެރު ދުންމާރި ތާޅަފިލި ފުމެނުން ދިޔައީ އޮސްތްރޭލިއާގައި އުޅޭ އިންޑިއާ ދަރިކޮޅުގެ މީހުންނެވެ. އިންޑިއާގެ ދިދައިގެ ކުލަތަކުން ހަދާފައިވާ ފަގުޑި އަޅާއިގެން އިންޑިއާގެ ދިދަ ވިހުރުވަމުން ބެރަށް ނަށަމުން ދިޔަ ޔައްތިތުން އުފަލުން ފޮޅިފައި ތިބި އިރު، އެއަށް ވުރެ ބޮޑު އުފަލެއް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސެ އަށެވެ.

މޯދީގެ ޝަރަފުގައި ފުޓްބޯޅަ ދަނޑެއްހާ ބޮޑު މާލަމެއްގައި 20،000 މީހުން އެއްވެތިބީ މަރުހަބާ ކިޔުމަށެވެ. އެތަނަށް މޯދީއާއި އަލްބަނީސެ ވަޑައިގަތީ އަތާ އަތް ޖޯޑު ކުރައްވަމުން "ބޮސް" މޯދީއާއެކުގައެވެ.

އެއްވެ ތިބި މީހުންނާ މުހާތަބް ކުރައްވާ އްލަބްނީސެ ވިދާޅުވީ މޯދީ އަކީ "ބޮސް" ކަމަށެވެ. އޭނާ އެހެން ވިދާޅުވުމުގައި ކިތަންމެ މެސެޖެއް އެކުލެވެއެވެ. އެންމެ ބޮޑު މެސެޖަކީ ޗައިނާ އަށް އަމާޒު ވާ މެސެޖެކެވެ.

އޮސްޓްރޭލިއާ އޮންނަ ސަރަހައްދުގެ ގޮތުން، ޗައިނާ އަށް ހުރަސް އެޅުމަށް އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އެންމެ މުހިންމު ލޮކެޝަނަކީވެސް އޮސްޓްރޭލިއާއެވެ. އޮސްޓްރޭލިއާގެ ޗައިނާ އާ ވީ ފަޅީފައި އެމެރިކާއިން ވަރުގަދަ އަސްކަރީ ބޭހެއް ގާއިމު ކޮށްފައި ވާ އިރު، އެމެރިކާ، އޮސްޓްރޭލިއާ، ޖަޕާން އަދި އިންޑިއާ ބައިވެރިވާ ކުއަޑް ޖަމާއަތަކީވެސް ސީދާ ޗައިނާ އާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައި އޮންނަ ޖަމާއަތެކެވެ.

މޯދީ އަށް މަރުހަބާ ކިޔުމަށް އޮލިމްޕިކް ޕާކުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މޯދީއަށް ތައުރީފުގެ ބަސްތައް އަމުނަމުން އަލްބަނީސް ވަނީ އޮސްޓްރޭލިއާގައި އުޅޭ އިންޑިއާ ދަރިކޮޅުގެ މީހުންނަށް އިތުރު ޝަރަފެއް ވެސް ދެއްވާއެވެ. އެގޮތުން އެގައުމުގައި އިންޑިއާ ދަރިކޮޅުގެ ބޮޑު އާބާދީއެއް ދިރިއުޅޭ ސިޓީއެއްގެ ނަން ވަނީ "ލިޓްލް އިންޑިއާ" ގެ ނަމަށް ބަދަލު ކުރައްވާ އެ ރަސްމިއްޔާތުގައި އިފްތިތާހު ކޮށްފައެވެ.

އޮސްޓްރޭލިއާގައި އިންޑިއާ ދަރިކޮޅުގެ 673،000 މީހުން ދިރިއުޅެއެވެ. ކޮލެޖްތަކުގައި 90،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވައެވެ. ވަޒީފާތަކާއި އެނޫންވެސް ސިނާއީ މަސައްކަތްތަކުގައި އުޅެއެވެ.

މޯދީ އަށް އޮސްޓްރޭލިއާއިން ކިއި މަރުހަބާ އަކީ ބޭރު ގައުމެއްގެ ވެރިއަކަށް އެގައުމުގައި ކިއި އެންމެ ހޫނު މަރުހަބާއެވެ.

ދެގައުމުގެ ގުޅުން އިތުރު އުސްމިންތަކަށް ގެންދިޔުމަށް ރޭ ވަނީ އާ އެއްބަސްވުންތަކެއްގައި ވެސް ސޮއި ކުރައްވާފައެވެ. އެގޮތުން ވަޒަންވެރިންނާ ބެހޭ އެއްބަސްވުމަކާއި ހައިޑްރޯޖެން ގެ ދާއިރާ އިން ކުރިއަށް ދިޔުމުގެ އެއްބަސްވުމަކާއި ވިޔަފާރީގެ ދާއިރާގެ ގުޅުންތައް އިތުރަށް ފުޅާ ކުރުމުގެ އެއްބަސްވުން ހިމެނެއެވެ.

މޯދީ އަށް "ރޮކް ސްޓާ" ފެންވަރުގެ މަރުހަބާއެއް އޮސްޓްރޭލިއާ އިން ކިޔި އިރު މޯދީ އާ ދެކޮޅަށް ޝުއޫރުފާޅު ކުރާ ބަޔަކުވެސް ބޭރުގައި އެއްވެ ތިއްބެއެވެ. އެމީހުން ގޮވަމުން ދިޔައީ މޯދީ އަކީ ކުޑެއްނެތް އެތައް ބަޔަކާ ދެކޮޅަށް ޖަރީމާ ހިންގަވާ ބޭފުޅެއް ކަމަށެވެ. އަދި އަލްބަނީސެ މޯދީ އާ ބައްދަލުކުރެއްވުމުގެ ކުރިން އެމީހުންގެ ތެރެއިން ނޫސްވެރިއަކު ކުރިމަތި ކުރި ސުވާލަށް ޖަވާބު ދެއްވުމަށް ވަނީ ދެކޮޅު ހައްދަވާފައެވެ. ޗެނަލް 7 ބްރޯޑްކާސްޓަރުގެ ނޫސްވެރިޔާ ކުރިމަތި ކުރި ސުވާލަކީ އިންސާނީ ހައްގުތަކާ ދެކޮޅު ލީޑަރަކާ އެކު އަލްބަނީސެ ހުންނަވާނަންތޯއެވެ.

މޯދީއަށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތު ބޭއްވީ އޮސްޓްރޭލިއާގެ ސިޑްނީ އޮލިމްޕިކް ޕާކުގައެވެ.