ޕްރިންސް ހެރީއާ ލޯބީގެ ގޮތުން ގުޅިވަޑައިގަތުމާ އެކު، ހޮލީވުޑްގެ ކުރީގެ ބަތަލާ މޭގަން މާކަލް ހޮލީވުޑް ދޫކޮށް ދިޔަ ނަމަވެސް، މޭގަން އަލުން ފިލްމު ކުޅެން ފަށަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޕްރިންސް ހެރީއާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން މޭގަން އަކީ ކާމިޔާބު ހޮލީވުޑްގެ ބަތަލާއެކެވެ. ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި މޭގަން ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް ޝާހީ އާއިލާގެ މެންބަރަކަށް ވުމުން މޭގަން އޭރު ފިލްމު ކުޅުން ހުއްޓާލިއެވެ. ނަމަވެސް މިހާރު ޕްރިންސް ހެރީ އާއި ކައިވެނި ބައްލަވައިގަތުމަށް ފަހު ވަކިން ދިރިއުޅުމެއް އުޅެމުން ގެންދަވަމުން އަންނަ މޭގަން އެނބުރި ހޮލީވުޑަށް އަންނަން އުޅޭ ކަމުގެ ވާހަކަ ފެތުރެން ފެށީ ވުމެން ވިޝަން އެވޯޑު ހަފްލާގައި އޭނާ ބައިވެރިވެ ވަޑައިގަތުމަށް ފަހުގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މޭގަންގެ އެނބުރި އައުން ވަރަށް ވަރުގަދަ ވާނެ ކަމަށާއި މި ޕްރޮޖެކްޓުން މޭގަން އަށް 30 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިލައްވާނެކަމަށެވެ. ބްރެޑް ފަލްޗަކް ޕްރޮޑިއުސްކުރާ މި ޕްރޮޖެކްޓަކީ މޭގަން އެނބުރި އަންނަ ޕްރޮޖެކްޓް ކަމަށް ރިޕޯޓްތައް ބުނެއެވެ. 2020 ވަނަ އަހަރުވެސް މޭގަން އެނބުރި ފިލްމީ މަސައްކަތް ކުރައްވަން ފަށާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ. އޭރު ހަބަރުތައް ބުނީ ޑިޒްނީ އާއި މާވެލް ސްޓޫޑިއޯގެ ކެމެރާގެ ފުރަގަހުގައި މޭގަން މަސައްކަތްކުރައްވަން އުޅޭ ކަމަށެވެ. ނަމަވެސް އެއަހަރު ކޮވިޑްގެ ބަލިހާލަތު ދުނިޔެއަށް ފެތުރުމާއި ގުޅިގެން އެވާހަކަ އޮބިގެން ދިޔައެވެ.

މޭގަން ގެ ހޮލީވުޑް ކެރިއަރުގައި ކުޅުއްވި ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހޮރިބަލް ބޮސެސް، ޑިސްފަންކްޝަނަލް ފްރެންޑްސް އަދި އެންޓި-ސޯޝަލް ހިމެނެއެވެ. އަދި އޭނާ ކުޅުއްވި ނެޓްފްލިކްސް ސީރީޒް "ސޫޓްސް" އަކީ އާންމުންގެ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ސީރީޒެކެވެ.