މާލެ އާއި ވިލިމާލޭގެ އިތުރުން ތިލަފުށްޓާއި ގުޅީފަޅު ގުޅާލާ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ މަސައްކަތް ކުރުމުގައި ލަސްތަކެއް އުޅޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެއްބަސްވެ ވަޑައިގެންފިއެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތްތައް ކުރާ އެފްކޯންސް އިން ކުރިން ބުނެފައިވާ ގޮތުން:

  • މާލެ-ވިލިމާލެ ބްރިޖް މި އަހަރުގެ ޖުލައި ނުވަތަ އޯގަސްޓް ހިސާބުގައި ނިމޭނެ
  • ވިލިމާލެ-ގުޅިފަޅު ބްރިޖް ޑިސެމްބަރުގައި ނިމޭނެ
  • ތިލަފުށްޓާއި ގުޅިފަޅު ގުޅާލައި މުޅި މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރުގައި ނިމޭނެ

ނަމަވެސް ބްރިޖްގެ މަސައްކަތް ލަހުން ކުރިއަށްދާ ކަމަށާއި، އަވަހަށް ނިންމުމަށް 25 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ބްރިޖް މަޝްރޫއު ނިމޭނީ ކޮން އިރަކުތޯ އަސްލަމްގެ އަރިހު ސުވާލު ކުރެއްވިއެވެ.

އިބްރާހީމް ރަޝީދުގެ ސުވާލަށް ޖަވާބު ދެއްވަމުން، ބްރިޖްގެ މަސައްކަތުގައި ލަސްތަކެއް އުޅޭ ކަމަށް އެއްބަސްވެވަޑައިގަތުމަށް ފަހު، އަސްލަމް ވިދާޅުވީ، ބްރިޖްގެ މަސައްކަތް ނިންމަން ދީފައިވާ ތާރީހު ބަދަލުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ.

"ކޮންޓްރެކްޓާ (އެފްކޯންސް) ގެ މަސައްކަތުގެ ޝެޑިއުލަށް ބަލާފަ އެބަހުރި ޑިލޭސް، މިހާތަނަށް އަންނަންވާ ހިސާބަކަށް ނޫން އައިއްސަ ހުރީކީއެއް، އޭގެ ތެރެއިން ކޮންމެވެސް މިންވަރެއް ކެޗް އަޕް ކުރެވޭނެ މަސައްކަތުގެ،.. ފުލީ ކެޗް އަޕް ނުކުރެވޭނެ އެކަމަކު އަދި އަޅުގަނޑުމެން ޓައިމް އެކްސްޓެންޝަނެއް ދޭކަށެއް ގަސްތެއް ނުއެއް ކުރަން،"
މުހައްމަދު އަސްލަމް | ޕްލޭނިން މިނިސްޓަރު

ބްރިޖްގެ މަސައްކަތުގައި ލަސްތަކެއް ހުރި ނަމަވެސް، އަދިވެސް މަސައްކަތް ކުރިއަށް ދާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ދަނީ ގުޅީފަޅުގެ ކާސްޓިން ޔާޑުގައި ޑެކް ސެކްޝަންތައް ހެދުމުގެ މަސައްކަތެވެ.

އެއާއެކު، ކުރީ ސަރުކާރުން ހެދި ސިނަމާލެ ބްރިޖް ހެދި ގޮތަށް ތިލަމާލެ ބްރިޖް ނަހަދާނެ ކަމަށާއި، އެގޮތުން ޖަހަމުންދާ ތަނބުތަކަކީ މަސައްކަތް ނިމުމުން ވެސް ހުންނާނެ ތަނބުތަކެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

6.7 ކިލޯމީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ ތިލަމާލެ ބްރިޖްގެ މަޝްރޫއަށް އިންޑިއާ ސަރުކާރުން 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) ގެ އެހީގެ ޕެކޭޖެއް ދީފައިވެއެވެ.

ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓާއި ތިލަ ހިސާބުތަކުގައި، އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.