ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ފަސޭހަކަމާއެކު ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި "1456" ގެ ނަމުގައި ހިލޭ ގުޅޭ ހޮޓްލައިނެއް ތައާރަފުކޮށްފިއެވެ.

މި ހޮޓްލައިނަކީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ތައާރަފުކުރި ހިދުމަތެކެވެ. މި ހިދުމަތުގެ މައިގަނޑު ބޭނުމަކީ ކޮންމެ ޒުވާނަކަށްވެސް އެމީހެއްގެ ބޭނުންތަކާ އެއްގޮތަށް، އެއް ފުރާޅެއްގެ ދަށުން ކައުންސެލިން އާއި، ނަފްސާނީ ސިއްހަތުގެ އެހީތެރިކަން އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުމެވެ.

މި ހޮޓްލައިން މެދުވެރިކޮށް ލިބޭނެ މުހިންމު ހިދުމަތްތަކުގެ ތެރޭގައި ވަކިވަކި ފަރުދުންނަށާއި އާއިލާތަކަށް ބޭނުންވާ ކައުންސެލިން ގެ އިތުރުން ނަފްސާނީ ސިއްހަތުގެ އެހީތެރިކަމާއި ނަފްސާނީ ކުއްލި އެހީ ހިމެނެއެވެ. މީގެ އިތުރުން ސިއްހީ ސްކްރީނިން ހިދުމަތްތަކާއި، ދިރިއުޅުމުގެ ހުނަރުތަކާއި، ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައްވެސް ހިމެނެއެވެ.

މި ހޮޓްލައިންގެ ހިދުމަތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް "1456" އަށް ގުޅައިގެން ހިލޭ ލިބޭނެއެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ތައާރަފުކުރެވުނު މި ހޮޓްލައިންގެ އިތުރުން، 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން "1677" މެދުވެރިކޮށް އަދި ސަރުކާރުގެ ހޮސްޕިޓަލްތަކުންވެސް ނަފްސާނީ ބަލިތަކަށް ފަރުވާއާއި އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.