މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ދިން ހަމަލައާ ގުޅިގެން ހޯދަމުންދާ އިބްރާހީމް އަބްދުﷲ (ގައްބަރޭ) ހަފްތާއެއްވީ ފަހުން އަމިއްލަ އަށް ފުލުސް އޮފީހަށް ހާޒިރުވެއްޖެއެވެ.

އިބްރާހީމް އަބްދުﷲ ފުލުހަށް ދިޔައީ، އޭނާ ހޯދަން އިއުލާނު ކުރިތާ އަށް ދުވަސް ފަހުން، މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ޒަރީރަށް ހަމަލަދިނުމުގެ ތުހުމަތުގައި އުމުރުން 32 އަހަރުގެ އިބްރާހީމް އަބްދުﷲ ހޯދުމަށް ފުލުހުން އިއުލާނު ކޮށްފައި ވަނީ މި މަހުގެ 15 ގައެވެ. ފުލުހުން އޭނާ ހޯދަމުން ދިޔައީ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.

ހަބީބީ ކެފޭގައި ރައްޓެހިންތަކަކާ އެކީގައި އިންނަވަނިކޮށް، ފަސް މީހުންގެ ގްރޫޕަކުން އެ ކެެފޭ އަށް ވަދެ ޒަރީރަށް ހަމަލަދީފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހުގައެވެ. ފުލުހުން އޭރު ބުނީ، ޒަރީރަށް ހަމަލަ ދިނީ ނުރައްކާތެރި ހަތިޔާރަކުން ކަން ބެލެވޭ އެއްޗަކުން ކަމަށެވެ. އެ ހަމަލައާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ޒަރީރު ފަރުވާ ހޯއްދަވާފައި ވެއެވެ.

ކުށުގެ ރެކޯޑު އޮންނަ އިބްރާހީމް އަބްދުﷲ ވަނީ މީގެ ކުރިން މީހަކު މަރާލުމުގެ ތުހުމަތެއްގައި ހައްޔަރު ކޮށްފައެވެ. އެކަމުގައި ބައިވެރިވިކަމަށް އޭނާ އެއްބަސްވި ނަމަވެސް، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ، ކޯޓުން އިބްރާހީމް އަބްދުﷲ އެ ފަހަރު ދޫކޮށްލީއެވެ.