އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ މޮނިޓަރިން އެންޑް ރީސާޗް މަސައްކަތްތަކަށް ހާއްސަ ކޮށްގެން ބަންނަ އުޅަނދު "ތިމާވެށީގެ" މަސައްކަތް ނިމިފައިވާ ކަމަށާއި މި މަހުގެ ތެރޭގައި އެ އުޅަނދު ރާއްޖެ ގެންނަން ހަމަޖެހިފައިވާ ކަަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެންވާރަމަންޓް މިނިސްޓްރީން ބުނީ، އެ އުޅަނދުގެ އަމަލީ މަސައްކަތް ނިމިފައިވާ އިރު، އީޕީއޭ އަދި އެ މިނިސްޓްރީގެ މުވައްޒަފުން ހިމެނޭ ޓީމަކުން ވަނީ އެ އުޅަނދުގެ އިންސްޕެކްޝަން އަދި ސީޓްރައިލްގެ މަސައްކަތް އިންޑިޔާގެ ގޯއާގައި ކުރިއަށް ގެންގޮސްފައި ކަމަށެވެ.
"ތިމާވެށީގެ" ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުމަށް އީޕީއޭއިން މަސައްކަތް ކުރަމުން އަންނަ އިރު، އެ އުޅަނދު ދިވެހި ސަރުކާރާ ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ އިންސްޕެކްޝަން އަދި ޓްރަޔަލްގެ މަސައްކަތް ނިމި ރާއްޖެ ގެނެސް އެކަމަށް ބޭއްވޭ ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ވަގުތު ބޯޓް އޮތީ ކޮންޓްރެކްޓަރު ވިޖޭ މެރައިންގެ ބެލުމުގެ ދަށުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ތިމާވެށީގެ ދާއިރާއިން ފަންނީ އަދި އިލްމީ ދިރާސާތަކުގެ ބޭނުންކުރުމުގެ މަގުސަދުގައި ތައްޔާރުކުރި މި އުޅަނދު ހަރަކާތްތެރި ވާނީ ރާއްޖޭގެ ކަނޑުތަކުގައި ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ. އުޅަނދުގެ މެއިން ޑެކްގައި 3 މީހުންގެ ޖާގައިގެ 2 ކޮޓަރި ފާހަނައާއެކު އަދި ކާތަނެއްގެ އިތުރުން ބަނދިގެއެއް ހިމެނޭ އިރު، އެ ޑެކްގައި މަސައްކަތަށް ހާއްސަކޮށްފައިވާ ޖާގައިގެ އިތުރަށް ވެޓްލެބް, ޑްރައި ލެބް, އަދި ޑައިވިން ކޮމްޕްރެސާ ރޫމެއްވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މަތީ ޑެކްގައި ވީލް ހައުސްގެ އިތުރަށް މާސްޓާ އަދި އިންޖިނިއަރަށް ހާއްސަ ރޫމަކާއި އިތުރު ހަތަރު މީހުންގެ ޖާގައިގެ ތިން ކޮޓަރި ހިމެނެއެވެ. މި އުޅަނދާއެކު އިމަޖޭންސީގައި ބޭނުންކުރުމަށް ހާއްސަ ޑިންގީއެއް ވެސް ހިމެނެއެވެ.
ކަޓަމަރައިން ޑިޒައިން އަށް ފައިބަރުން ބަނދެފައިވާ 100 ފޫޓްގެ އެ އުޅަނދަކީ މިނިސްޓްރީ އޮފް އެންވާރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ކުރިއަށްދާ މޯލްޑިވްސް ކްލީން އެންވާރަންމަންޓް ޕްރޮޖެކްޓުން ހަރަދުކޮށްގެން އިންޓަނޭޝަނަލް ބިޑިންގެ އުސޫލުން ބީލަން ކާމިޔާބު ކުރި އިންޑިޔާގެ ކުންފުންޏެއް ކަމުގައިވާ ވިޖޭ މެރައިން ޝިޕްޔާޑާ ހަވާލުކޮށްގެން ބަނދެފައިވާ އުޅަނދެކެވެ.
ހާދަ ހުތުރު ޑިޒައިނެއް، ރާއްޖެ ފަދަ މަގުބޫލް ޑެސްޓިނޭސަނަކަށް ބަންނަންވާނީ ރީތި އަދި ބޭނުން ހިފޭ ގޮތަށް ކަމަށް ދެކެން