ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާ އެކު އިންތިހާބާ ބެހޭ މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި، ހުރިހާ ޕާޓީތަކާ އެކު ވެސް މަޝްވަރާކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް، އަލަށް އުފައްދާ "ދަ ޑިމޮކްރަޓްސް"ގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރެއިން އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަނުން ދިޔައީ "ދަ ޑިމޮކްރަޓްސް" އުފެއްދުމުގެ ކުރިން ޖުމްހޫރީ ޕާޓީ އާ އެކު މަޝްވަރާކުރަމުންނެވެ. މަޝްވަރާތަކަށް ފަހު މެނިފެސްޓޯ އިއުލާނުކުރުމާ ހަމައަށް ދިޔަ ނަމަވެސް، އަދި ނިމުނު ގޮތެއް އިއުލާނު ނުކުރެއެވެ. އެހެންކަމުން އެ މަޝްވަރާތައް ހުއްޓުނީތޯ ވަނީ ސުވާލު އުފެދިފައެވެ.

ނަމަވެސް މިއަދު "ދަ ޑިމޮކްރަޓްސް"ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަފްޝަން ވިދާޅުވީ، ޖުމްހޫރީ ޕާޓީ އާ އެކު ކުރެވެމުންދާ މަޝްވަރާތައް އަދި ނުހުއްޓޭ ކަމަށެވެ.

"އަދި އިންތިހާބަށް ފުދޭވަރަކަށް ދުވަސް އެބައޮތް، ސިޔާސީ މަޝްވަރާ އަކީ އަޅުގަނޑަށް ހީވަނީ ހަމަ އަބަދު ވެސް ކުރެވެމުން ދާން ޖެހޭ މަޝްވަރާ،" އަފްޝަން ވިދާޅުވިއެވެ.

އެލްޖީއޭގެ ސީއީއޯ ކަން ކުރިން ކުރެއްވި އަފްޝަން ވިދާޅުވި ގޮތުގައި، މިހާރު ވެސް އެކި ކަންކަމުގައި ގާސިމް ޑިމޮކްރަޓްސް އަށް އިރުޝާދު ދެއްވައި ހައްދަވައެވެ. އަދި ގާސިމަކީ އެމްޑީޕީ އުފެދުނީއްސުރެ ވެސް، އޭގެ ކުރިން ވެސް ސިޔާސީ މަސައްކަތުގައި ތަޖުރިބާކާރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޖުމްހޫރީ ޕާޓީގެ އިތުރުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާ އެއްކޮށް މަޝްވަރާކުރެވެމުންދާ ކަމަށް ވިދާޅުވެ، ޑިމޮކްރަޓްސް އިން ކުރިއަށް އޮތް އިންތިހާބުގައި ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން އަފްޝަން ތަކުރާރުކުރެއްވިއެވެ. އަދި ކޮންމެ ބަޔަކާ އެއްކޮށް މަސައްކަތް ކުރަން ޖެހުނު ކަމުގައިވީ ނަމަވެސް، ސިޔާސީ ގޮތުން ހިފަހައްޓަން ޖެހޭ އުސޫލު އަލަށް އުފައްދާ ޑިމޮކްރަޓްސް އިން ހިފަހައްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދުގެ މޭސްތިރިކަމުގެ ދަށުން އުފައްދާ "ދަ ޑިމޮކްރަޓްސް"ގެ ފޯމް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ފިކުރެއްގެ ދިރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވެސް ވަނީ އެ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވިދާޅުވެފައެވެ.

"އަބަދު ވެސް މަޝްވަރާ އަށް ދާނަން އެހެން ޕާޓީތަކާ އެކީގަ، އެއީ މި ދަންނަވާ ވާހަކައަކީ، ކޯލިޝަން ހަދަން ޖެހޭ ހާލަތެއްގައި ކޯލިޝަން ހަދާނެ، އެހެން ނަމަވެސް ދަ ޑިމޮކްރަޓްސްގެ ކެންޑިޑޭޓެއް އިރާދަކުރެއްވިއްޔާ މި އިންތިހާބުގައި ވާދަކުރާނެ،" ހަސަން ވިދާޅުވިއެވެ.