2016 ވަނަ އަހަރުގެ ނޮމެންބަރު މަހު ދައްކާލި 3 ޑީ މޮޑެލް އާ އެކު، އަދި އުފަން ކުރި ހިތްގައިމު ނަމާއެކު [ކޭ ޕާކް] ތަސައްވުރު ކުރެވުނީ ލަގްޒަރީ ލައިފަކަށް އެންމެ އެކަށޭނަ އެއް އިމާރާތުގެ ގޮތުގައެވެ.
ހުޅުމާލޭގެ އެންމެ ހިތްގައިމު އެއް ލޮކެޝަންގައި ތަރައްގީ ކުރަން ފެށި ކޭ ޕާކަކީ 110 އެޕާޓްމަންޓް ހިމެނޭ 14 ބުރީގެ އިމާރާތެކެވެ. ޖާގައިގެ ގޮތުންވެސް ބޮޑު ތަނަވަސް ކޮށް ހަދަން ފެށި ކޭ ޕާކް ވިއްކަން ހުޅުވާލުމާ އެކު ގިނަ ބަޔަކު ފައިސާ ދައްކަމުން ދިޔައެވެ.
ހުޅުމާލޭގައި އެންމެ އަވަހަށް ސްޓްރަކްޗާ ނިންމި އެއް އިމާރާތަކީ ކޭ ޕާކް ކަމަށް ވާ އިރު، ގިނަ ބަޔަކަށް ގަބޫލު ކުރެވުނީ، އިސާހިތަކު އެތަން ނިމި ދިރިއުޅެން ވަދެވިދާނެ ކަމަށެވެ. އެޕާޓްމަންޓްތައް ގަތުމަށް ފައިސާ ދައްކަމުން ދިޔަ މީހުންނަށް ދޮން ކަޅު ވެސް ނޭނގޭހާ ހުށިޔާރު ކަމާއެކު އެތަން ހަދަމުން ދިޔަ ކުންފުނިން ލާރި ނަގާ، އެއް ފްލެޓެއް އެތައް ބަޔަކަށް ވިއްކާ، އަގުބޮޑެތި ކާރާއި އެނޫންވެސް މުއާމަލާތްތަކުގެ މުގާބިލުގައި އެޕާޓްމަންޓް ދޫކޮށްފައި ހުރިކަން ފަޅާއެރީ ދާދި އިހަށް ދުވަހުއެވެ.
އަޑި ނޭނގޭހާ އޮޅުންބޮޅުން ބޮޑު ކަމާއި އެ އިމާރާތުގައި ހުރި 2 ރޫމާއި 3 ރޫމް އެޕާޓްމަންޓުތަކުގެ ޖުމްލަ އަށް ވުރެ އިތުރަށް 60 އެއްހާ އެޕާޓްމަންޓުގެ ލާރި، އެތަން ހަދަމުން ދިޔަ ރާއްޖޭގެ ކުންފުނިން ނަގާފައި ވާކަން މިހާރު ވަނީ ހާމަވެފައެވެ.
އެވްރެޖް ކޮށް 2.7 މިލިއަން ރުފިޔާއަށް ވިއްކަމުން ދިޔަ އެޕާޓްމަންޓްތަކަށް ގާތްގަނޑަކަށް 459 މިލިއަން ރުފިޔާ ހޯދާފައި ވާ ކަމަށް ބެލެވެއެވެ. އެއީ؛
- 110 އެޕާޓްމަންޓް 2.7 މިލިއަންގެ މަގުން ނަމަ 297 މިލިއަން ރުފިޔާ
- 60 އެޕާޓްމަންޓް 2.7 މިލިއަންގެ މަގުން ނަމަ 162 މިލިއަން ރުފިޔާ
- ޖުމްލަ 459،000،000 ރުފިޔާ
މިއީ އަންދާޒާއެއް ނަމަވެސް ކޭ ޕާކް އިން އެޕާޓްމަންޓް ގަތުމަށް އެންމެ ފުރަތަމަ ފައިސާ ދެއްކި 11 މީހެއްގެ ލިސްޓް ހިމެނޭހެން ތައްޔާރު ކޮށްފައި ހުރި ލިޔެކިޔުންތަކާއި، އެޕާޓްމަންޓްތައް ވިއްކިފައި ކަމަށް ފެންނަ ލިސްޓުތަކުން ހާމަވާ އަދަދުތަކަށް ބަލާއިރު ފެންނަން އޮންނަނީ އެ މަންޒަރެވެ.
އެޕާޓްމަންޓް ގަތް މީހުން ދާންވީ ކޮންތާކަށް؟
ކޭ ޕާކުން އެޕާޓްމަންޓް ގަތް މީހުންގެ ތެރޭގައި އާދައިގެ ފަންތީގެ ބައެއް މީހުންނާއި ބޮޑެތި މަހުޖަނުންނާއި ސިޔާސީ އެކި ފަރާތްތައް ހިމެނެއެވެ. "ދަ ޕްރެސް" އަށް އެނގިފައި ވާ ގޮތުން، އޭގެ ތެރޭގައި ކެންސަރު ބަލީގެ ލާސްޓް ސްޓޭޖުގައި ވާ މީހަކައި އާއިލާތަކުގެ އެންމެންގެ އެހީތެރިކާއެކު އެއްކުރި ލާރިކޮޅު ދީފައި ތިބި މީހުންވެސް ހިމެނެއެވެ. ފައިސާވެރި ބޮޑެތި މަހުޖަނުންނާއި ހޯދިގޮތެއް މުހިންމު ނުވާ ފައިސާ އެފަދަ ތަނަކަށް ހަރަދު ކޮށްލި މީހުންވެސް ލިސްޓުގައި ހިމެނެއެވެ.
އިތުރަށް އޭނާ ބުނީ، މިހާރު ސުވާލު އުފެދިފައި ވަނީ، އެމީހުން މުއާމަލާތު ކުރަން ވީ ކޮން ފަރާތަކާ ކަން ސާފު ނުވާ މައްސަލައިގައެވެ. ކޭ ޕާކް ޑިވެލޮޮޕް ކުރުމަށް ހަވާލު ވި ކޮރެއާގެ ހަމްބޯ ޓެކްގެ ބޯޑު ރިޒޮލިއުޝަނަކުން ހުރިހާ ބާރެއް [ޑިވެލޮޕް ކުރުމާއި މާކެޓް ކުރުމާއި ވިއްކުން] ރާއްޖޭގައި ހެދި ހަމްބޯ މޯލްޑިވްސް އަށް ދީފައި ވާ އިރު، އެ ކުންފުނީގެ މައި ހިއްސާ [95 ޕަސެންޓް] މިހާރު ގަނެފައި ވަނީ ޗައިނާ އަށް ނިސްބަތްވާ މީހެއް ކަމަށް ވާ ޖިން ޝިހޫއެވެ. އެކުންފުނީގެ 5 ޕަސެންޓް ހިއްސާދާރަކީ ކޭ ޕާކްގެ މޫނުމަތި ކަމުގައި ފެންނަމުން ދިޔަ ހަސަން މަމްދޫހު (މަންޑޭ) އެވެ.
ޖިން ޝޫގެ ސޮއި ފޯޖް ކޮށްގެން އޭނާ އަށް ނޭނގި ރާއްޖޭގެ ހަމްބޯއިން ގިނަ މުއާމަލާތުތަކެއް ކޮށް މަކަރާއި ހީލަތް ހަދާފައި ވާ ކަމަށް ބުނެ، ކޮރެއާ ކުންފުނިން ވަނީ ރާއްޖޭގެ ހަމްބޯއަށް ދިން އެޖެންޓްކަން ބާތިލު ކުރި ކަމަށް އަންފާއެވެ. އެއާއެކު އެޕާޓްމަންޓްތައް ގަތް މީހުން ގުޅާނެ ނަންބަރަކާއި އީމެއިލެއް ހިއްސާކޮށް އެކުންފުނި ތަމްސީލު ކުރާނީ ޖޮންގް ވޫ ކިމް ކިޔާ މީހެއް ކަމަށް ބުނެ ބަޔާނެއް ނެރެފައި ވެއެވެ.
މި މައްސަލަ ސާފު ކުރުމަށް 'ދަ ޕްރެސް' އިން އާބަންކޯ އަށް ގުޅުމުން އެތަނުގެ އިސް ވެރިއަކު ވިދާޅުވީ، އާބަންކޯއަށް އެނގޭނީ ރަސްމީކޮށް ކޮށްފައި ހުރި މުއާމަލާތު ކަމަށާއި، ކޭ ޕާކް ޑިވެލޮޕްކޮށް، މާކެޓް ކޮށް، ވިއްކާ ހެދުމުގެ ހުއްދަ ރާއްޖޭގެ ހަމްބޯއަށް ދޭކަމަށް ބަޔާން ކުރާ ރިޒޮލިއުޝަނެއް އެބައޮތް ކަމަަށެވެ. ނަމަވެސް ޖޮންގް ވޫ ކިމް ސޮއިކޮށް ހަމްބޯ ކޮރެއާގެ ނަމުގައި ނެރުނު ބަޔާނުގައި ރާއްޖޭގެ ހަމްބޯއަށް ދީފައިވާ އިހުތިޔާތުތައް މެއި 2، 2023 އިން ފެށިގެން ބާތިލް ކުރި ކަމަށް ބުނެފައި ވެއެވެ. މި ނިންމުން އާބަންކޯއަށް ލިބިފައި ނުވާ ކަމަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވެއެވެ.
މިހާ ހިސާބުން އުފަންވެފައިވާ ދެވަނަ މައްސަލަ އަކީ، ހަމްބޯ ތަމްސީލު ކުރުމުގެ ނަމުގައި ރާއްޖޭގެ ލޯ ފާމެއް ކަމަށް ވާ 'ލޯ ކްރާފްޓް' އިން ހަރަކާތްތެރިވާ މައްސަލައެވެ. އެ ލޯފާމުން މައުލޫމާތު ދެމުން އޮފިޝަލަކު ބުނީ، އެމީހުން އެޕޮއިންޓް ކުރީ މޭޖާ ހިއްސާދާރު އަދި އެމްޑީ ކަމަށާއި އެ ހުރިހާ މުއާމަލާތެއް އާބަންކޯއާ ވެސް ހިއްސާ ކޮށްފައި ވާނެ ކަމަށެވެ. އަދި އެ ލޯފާމުން މަސައްކަތް ކުރަނީ އެޕާޓްމަންޓް ގަނެފައި ތިބި ފަރާތްތައް ދެނެގަނެ ހިންގާފައި ހުރި މުއާމަލާތްތަކާ ގުޅޭ އެންމެހާ ކަންކަން ސާފުކޮށް އިންސާފު ހޯދައި ދިނުމަށް ކަމަށެވެ.
ލޯފާމުން ބުނާގޮތުގައި، ބައެއް ލިޔެކިޔުންތައް ދިނުމަށް މަމްދޫހު ދަނީ ފަސްޖެހެމުންނެވެ. އަދި ލިޔެކިޔުން ނެތި ބައެއް މުއާމަލާތު ކޮށްފައި ހުރި ކަމުގެ މައުލޫމާތު ލިބޭތީ އެކަންކަންވެސް ސާފު ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށާއި މަމްދޫހުގެ ފަރާތުން އެއްބާރުން ނުލިބި ދާނަމަ ދެން އަޅަން އޮންނަ ފިޔަވަޅު އަޅާނެ ކަމަށް ލޯފާމުން ބުނެއެވެ.
ލޯފާމުން އިތުރަށް ބުނީ، ކޭ ޕާކުން އެޕާޓްމަންޓް ގަނެފައިވާ ހުރިހާ ފަރާތްތަކުން ލޯފާމާ ގުޅުމަށް އެދޭ ކަމަށާއި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު އެކަމުގައި އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ.
މި ކަމުގައި އުފަންވާ ތިން ވަނަ މައްސަލައަކީ، މަމްދޫހުގެ ހިއްސާ އޮތް ކުންފުނީގެ އެމްޑީ، ކުންފުނީގެ ބޯޑު ރިޒޮލިއުޝަނަކުން ކަނޑަ ނާޅާ ކުންފުނި ތަމްސީލު ކުރަން ލޯފާމެއް އައްޔަން ކުރި މައްސަލައެވެ. މައުލޫމާތު އެނގޭ މަސްދަރަކުން 'ދަ ޕްރެސް' އަށް ބުނެފައި ވަނީ، އެމްޑީ ލޯޔަރެއް އައްޔަން ކުރީ ކުންފުނީގެ ރިޒޮލިއުޝަނަކުން ނޫން ކަމަށެވެ. އަދި އެއީ ކުންފުނިތަކާ ބެހޭ ގާނޫނުގެ ދަށުން ކަން ކުރެވޭނެ ގޮތް ނޫން ކަމަށާއި، އަދިވެސް އާބަންކޯގައި އޮންނާނީ އެޖެންޓަކީ ހަމްބޯ މޯލްޑިވްސް ކަމަށެވެ.
އޮޅުން ބޮޅުން ސާފު ކުރުން
ކުންފުނީގެ ފަރާތުން ލޯޔަރަކު ކަނޑައަޅާ ނަމަ ބޯޑު ރިޒޮލިއުޝަނަކީ އޮންނަން ޖެހޭނެ އެއްޗެކެވެ. އެހެން ނަމަވެސް ކުންފުނީގެ ކޮންމެ ހިއްސާދާރަކަށް ވެސް އެމީހަކު ތަމްސީލު ކުރާ ލޯޔަރަކު ކަނޑައެޅުމަކީ ކުރެވޭނެ ކަމެކެވެ. އެއީ ޑިސްޕިއުޓެއް އުފެދޭ ހާލަތްތަކުގައި ވަކިވަކި ހިއްސާދާރުން ތަމްސީލު ކުރުމަށް ވެސް އެކަން ކުރެވޭ އުސޫލުން ހުއްދަ ކަމެކެވެ.
އެެހެން ކަމުން ކޭ ޕާކް މައްސަލައިގައި ވެސް އެމަގުން ކަންކަން ކުރެވިދާނެއެވެ. އެޕާޓްމަންޓް ގަނެފައި ވާ ފަރާތްތަކުގެ ހައްގު ހިމާޔަތް ވާން އޮތީ އެމަގުން ކަމަށް ވާނަމަ އެޕާޓްމަންޓްތައް ގަތް ފަރާތްތަކުން އިހުތިޔާރު ކުރަން ވީ ހައްލެވެ.
ތިނެސްކަން މި މަމައްސަލައިގައި އެޕާޓްމަންޓް ގަތް މީހުންނަށް ހައްގު ހޯދައި ދިނުމަށް އާބަންކޯއިން އަދާކުރަން ޖެހޭ ދައުރުވެސް ބޮޑެވެ. އެ މައްސަލައިގެ ތެރެއަށް އާބަންކޯއިން ތަދައްހުލް ވެ، ކަން ހިނގާފައި ވާ ގޮތާއި ހައްލު ކުރެވޭނެ މަގު ދައްކަން ޖެހެއެވެ. ހަމަ އެގޮތަށް ފުލުހުން ހިންގާ ޖިނާއީ ތަހުގީގު އަވަސްކޮށް ހައްގުވެރިންނަށް ހައްގު ހޯދައިނުމުގެ މަގު ފަހިކޮށްދޭން ޖެހެއެވެ. ކުށްވެރިވާ ފަރާތްތަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާން ޖެހެއެވެ.
އެޕާޓްމަންޓްތަކަށް ފައިސާ ދެއްކި ފަރާތްތަކަށް ހެއޮ ބަދަލު ލިބެން ޖެހެއެވެ.