ދެ ހަފުތާއަށް މަސައްކަތުން އެކަހެރިކުރި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް އަލުން ވަޒީފާއަށް ނުކުންނަވައިފިއެވެ.

ސިރާޖު ވަޒީފާއިން އެކަހެރި ކުރީ ގަވާނަންސްގެ މެނޭޖްމަންޓާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިމަހު 4 ވަނަ ދުވަހުއެވެ.

ސިރާޖު ވިދާޅުވީ، މަސައްކަތުން އެކަހެރި ކުރި 14 ދުވަސް ހަމަވުމުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފައްޓަވާފައިވާ ކަމަށެވެ.

ވެމްކޯގެ އެމްޑީ ސަސްޕެންޑް ކުރީ އެ ކުންފުނިން ބަލަމުންދާ ޖިންސީ ފުރައްސާއިގެ މައްސަލައެއްގެ ތަހުގީގަށް ނުފޫޒު ފޯރުވަމުން ދާތީ ކަމަށް މީގެ ކުރިން ވަނީ އަޑުތައް ފެތުރިފައެވެ. ނަމަވެސް އެވާހަކަތައް ދޮގުކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސިރާޖާ ގުޅުން ހުރި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައެއް އެ ބޯޑުން ބަލަމުން ނުދާ ކަމަށާއި އެ ފަދަ މައްސަލައެއް އޭނާއާ މެދު ތުހުމަތު ކުރެވިފައިވެސް ނުވާ ކަމަށެވެ. އެހެންކަމުން ހަގީގަތާ ހިލާފް ދޮގު މައުލޫމާތު ނުފެތުރުމަށް އެ ބޯޑުން ވަނީ ގޮވާލާފައެވެ.

ސިރާޖު ސަސްޕެންކޮށްފައި ވަނީ އެ ބޯޑުން ބަލަމުންދާ ގަވަނަންސްގެ މެނޭޖްމަންޓް މައްސަލައެއްގައި ކަމަށާއި އެހެންކަމުން އޭނާ އެމްޑީގެ މަގާމުން ތަނާޒުލް ކޮށްގެން މި މައްސަލަ ބެލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނިންމާފައި ވާ ކަމަށް ވެސް އެ ބޯޑުން ނެރުނު ބަޔާނުގައި ބުނެއެވެ.

ޕީސީބީއިން ސިރާޖު ސަސްޕެންޑު ކޮށްފައި ވަނީ ދެ ހަފްތާގެ މުއްދަތަށް މަގާމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށް އެ މުއްދަތުގައި އޮފީހަށް ހާޒިރު ނުވެވޭނެ ގޮތަށެވެ. އަދި އެ މުއްދަތުގައި އޭނާއަށް މުސާރައާއި އިނާޔަތްތައް ނުލިބޭނެ ގޮތަށެވެ.

ސިރާޖަށް ތުހުމަތު ކުރަނީ ވެމްކޯގެ ފިރިހެން މުވައްޒަފަކަށް އެ ތަނުގެ އަންހެން މުވައްޒަފަކު ޖިންސީ ފުރައްސާކުރި ކަމަށް "ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ހުއްޓުވުމުގެ ކޮމިޓީ" އަށް ހުށަހެޅި މައްސަލައެއް ބަލަމުން ދަނިކޮށް އެ މައްސަލައަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތެވެ.

އެގޮތުން އެ މައްސަލަ ބަލަމުންދާ ކޮމިޓީއަށް ސިރާޖު ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އޭނާ އެ މައްސަލަ ބަލަމުންދިޔަ ކޮމިޓީގެ ޗެއާޕާސަން މަގާމުން ވަކިކުރައްވައި، އެހެން މީހަކު އެ މަގާމަށް ހަމަޖައްސަވާފައިވާ ކަމަށްވެސް ފީސީބީއިން ތުހުމަތުކޮށްފައިވެއެވެ.

ސިރާޖު ވެމްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އޭގެކުރިން އޭނާ ހުންނެވީ ޑެޕިއުޑީ އެމްޑީގެ މަގާމުގައެވެ.