ޖުމްހޫރީ ޕާޓީގެ އިދާރީ ދާއިރާތަަކުގެ ދާއިރާ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މިއަދު ހަވަވި އިރު، އިދާރީ 5 ދާއިރާއަކުން މިއަދު ޖުމްހޫރީ ޕާޓީއާ މުޅިން އަލަށް ގުޅެން 382 މެންބަރުންގެ ފޯމް ޕާޓީގެ ރައިސް އާ ހަވާލު ކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، އެ 382 މެންބަރުންގެ ފޯމާ ހަވާލުވެ ވަޑައިގެންނެވީ ނުހަނު އުފަލާއެކުގައި ކަމަށެވެ. އަދި މި ފަހަރަކީ ޖޭޕީގެ ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި މަސައްކަތް އޯގަނައިޒް ކޮށް ދެއްވާ ފޯމްތައް އަޅުގަނޑާ ހަވާލުކޮށް ދެއްވި ކައުންސިލްގެ މެންބަރު އާމިނަތު މަދީހާ އާއި އަބްދުﷲ ޝަމާލް އާއި ޖުމްލަކޮށް މި ކަމުގައި ޝާމިލްވިއެންމެހާ މެންބަރުންނަށް ހިތުގެ ފުން މިނުން ޝުކުރު ދަންނަވަން. އަދި ހާއްސަކޮށް ލ. އަތޮޅު ގަމުގެ ފޯމްތައް ކޯޑިނޭޓް ކޮށް ދެއްވި އެ ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު އަދުހަމްގެ އިތުރުން ލ. ގަމު ޖޭޕީ މެންބަރު އަލީ ވަޖީހު އާއި އޭނާގެ ޓީމަށް ވެސް ޝުކުރު ދަންނަވަން."
ގާސިމް އިބްރާހިމް

އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓިން ކުރިމަތިލާން ނިންމާފައިވާ އިރު، އިންތިހާބު ކާމިޔާބު ކުރުމަށް މީހާރު ވެސް ގިން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ޕާޓިއަށް މެންބަރުން އިތުރު ކުރުމަށް މާލެއާއި އަތޮޅުތެރޭގައި ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ޖުމްހޫރީ ޕާޓީގެ އިދާރީ ދާއިރާތަަކުގެ ދާއިރާ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ އިރު، އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއެކު ޖުމްލަ 50 މެންބަރުން ހަމަކޮށް ފޯމް ހުށަހަޅަން ޖެހެއެވެ. އަދި އެ ފޯމްތަކަކީ އަލަށް އެ ޕާޓީގެ މެންބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމަށް ވާން ޖެހޭނެ ކަމަށް ވެސް ޖޭޕީން ބުނެއެވެ.

އެއް ދާއިރާއަކަށް އެކަކަށް ވުރެ ގިނަ މީހުްން ކުރިމަތިލާފައިވާ ނަމަ އެ ދާއިރާއެއްގެ ރައީސަކު ހޮވާލީ އެ ދާއިރާއެއްގެ ދަފްތަރުގައި ހިމެނޭ މެންބަރިންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށް ވެސް ޖޭޕީން ބުނެއެވެ. އެކަކު ކުރިމަތިލާފައި ވާނަމަ ވޯޓަކާ ނުލައި އެ ފަރާތެއް އެ މަގާމަކަށް ހޮވޭނެ ކަމަށް ވެސް ޖޭޕީން ބުނެއެވެ.