ސައުދީގައި މިހާރު ކުރިއަށް ދާ އަރަބިލީގުގެ ސަމިޓުގައި ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ތަގުރީރު ކުރައްވަން ފެއްޓެވުމުން، ހަތުރުވެރި ގަތަރުގެ އަމީރު ތަމީމް ބިން ހަމަދް އަލް ތާނީ ސަމިތް ދޫކުރައްވައި ވަޑައިގެންފިއެވެ.

ހަބަރުތައް ބުނާގޮތުން އަމީރު ވަނީ ގަތަރުގެ ޑެލިގޭޝަން ސަމިޓަށް ދޫކުރައްވާ އަނބުރާ ގަތަރަށް ވަޑައިގެންފައެވެ.

ތާނީ އަކީ ސީރިއާގެ ރައީސް އަކީ ހަނގުރާމައިގެ ޖަރީމާ ހިންގެވި ކުށްވެރިއެއް ކަމަށް މީގެ ކުރިން ވިދާޅުވެފައި ވާ ބޭފުޅެކެވެ. ސީރިއާގައި ހިނގާ ދާއިލީ ހަނގުރާމައިގައި ހަތިޔާރު އެޅި ސަރުކާރާ ދެކޮޅު ފަރާތްތަކަށް މަދަދުވެރިވާ އަމީރު އެހެން ވިދާޅުވެފައި ވަނީ 2018 ގެ ތެރޭގައެވެ.

2011 ވަނަ އަހަރު އަސަދުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި ފަރާތްތައް ހިފާ ހައްޔަރު ކޮށް އެތައް ބަޔަކު މެރިކަމުގެ ތުހުމަތު އަސަދުގެ މައްޗަށް އޮތް އިރު އެއިރުން ފެށިގެން ސީރިއާ ވަނީ މެދުއިރުމަތީގައި އެކަހެރި ކޮށްލާފައެވެ. އަރަބި ލީގުންވެސް އޭރު ސީރިއަ ސަސްޕެންޑް ކުރިއެވެ. ނަމަވެސް ނިމިދިޔަ މަހުގެ ތެރޭގައި މެދުއިރުމައްޗަށް އައި ސުލްހައިގެ އޮއިވަރުގައި އެއްގައުމު އަނެއް ގައުމާ ސުލްހަވެ، އަރަބި ލީގުން ސީރިއާއަށް އަލުން ޖާގަ ދިނުމަކީ ގަތަރު ކަހަލަ މަދުގައުމަކަށް ބަލައިގަނެވޭ ވަރުގެ ކަމަކަށް ނުވިއެވެ. އެކަމުގައި އޭރުވެސް ގަތަރުން ފާޑުކިޔައި ސީރިއާ އާއެކު އާންމު ގުޅުންތައް ގާއިމު ނުކުރާނެ ކަމަށް ބުންޏެވެ.

ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ތާނީ (ކ2) އާއި އަސަދު (ވ) އަަރަބި ލީގުގެ ވެރިންނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން

ގަތަރުގެ އިތުރުން މިސްރުންވެސް އެމޭރުމުން ވާހަކަ ދެއްކިއެވެ. އެހެން ނަމަވެސް މިސްރުން މާބޮޑު ދެކޮޅުވެރިކަމެއް ނުދައްކާ ސައުދީއިން، މިސްރުގެ ރައީސް އަބްދުލްފައްތާހް އަލް ސީސީ ވަނީ އަސަދާ ބައްދަލުކުރައްވާ މަރުހަބާ ވިދާޅުވެފައެވެ.

އަރަބި ލީގުގައި އަސަދު ބައިވެރި ވުމުން، ސީރިއާގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން ވަނީ އިއްޔެ މަގުތަކަށް ނުކުމެ ބޮޑު މުޒާހަރާއެއް ވެސް ކޮށްފައެވެ. އެގޮތުން އިދްލީބް، އަލް ބާބް، އަޒާޒް، ޖަރަބުލުސް އަދި އަފްރިން ފަދަ ސިޓީތަކުގެ މަގުތަކަށް އެތައްހާސް ބަޔަކު އެއްވިއެވެ. މުޒާހަރާގެ ބައިވެރިން ވަނީ "ކުށްވެރިޔާ އަސަދު ތަމްސީލު ކުރަނީ ސީރިއާއެއް ނޫން" ކަމަށް ގޮވާ އަޑުއުފުލާފައެވެ. އަސަދާ ދެކޮޅަށް ހުޅަނގުގެ ބައެއް ގައުމުތަކުގެ ސިޓީތަކުގައިވެސް އަޑުއުފުލާފައި ވެއެވެ. އެގޮތުން ވިއޭނާ، އެމްސްޓަޑަމް، ލަންޑަން، ވައިލޭ، ސްޓޮކްހޯމް އަދި ލޮޔޮން ފަދަ ސިޓީތައް ހިމެނެއެވެ.

ސީރިއާގެ ސަރުކާރާ ދެކޮޅު ހަރަކާތްތައް 2011 ގައި ފެށިގެން މިހާތަނަށް އައި އިރު ބައިމިލިއަނެއްހާ މީހުން ވަނީ މަރުވެފައެވެ. އަދި ސީރިއާގެ އާބާދީގެ ދެބައިކުޅަ އެއްބައިހެން ވަނީ ގެދޮރު ދޫކޮށް ދުނިޔޭގެ އެތަން މިތަނަށް ހިޖުރަ ކޮށްފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ރެފިއުޖީ ކޭމްޕްތަކުގައިވެސް ދިރިއުޅެމުން ގެންދެއެވެ.

އަސަދާ ދެކޮޅު މީހުންގެ މައި ރަށް އިދްލީބަކީ ގާތްގަނޑަކަށް 3 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ތަނެކެވެ. ނަމަވެސް ހަނގުރާމައާ ހެދި އެ ސިޓީވެސް ވަނީ ސުންނާފަތިވެގެން ގޮސްފައެވެ. އެ ހަމަނުޖެހުންތަކުގައި އިދިކޮޅު ފަރާތްތަކަށް މަދަދުވެރިވުމަށް ބޭރުގެ އަސްކަރީ ބާރުތައްވެސް ސީރިއާއަށް ވަދެފައި ވާ އިރު، އަސަދަށް ވާގިވެރިވުމަށް ރަޝިއާއިން ވަނީ ވެދަފައެވެ. މިއަދާ ހަމައަށް އައި އިރު ހަތިޔާރު އެޅި އެތައް ސަތޭކަ ޖަމާއަތެއް އުފަންވެ، އެއްބަޔަކު އަނެއް ބަޔަކު މަރާ ބޮޑު ދާއިލީ ހަމަނުޖެހުމެއް ހިނގަމުން ދާ ސީރިއާ އަކީ ސުންނާފަތިވެފައި ވާ ގައުމެކެވެ.