އަރަބި ލީގުގެ ޖަލްސާތަކުން ސީރިއާ ވެސް ފެންނަން ޖެހޭ ކަމަށް އަލްޖީރިއާގެ ރައީސް އަބްދުލް މަދުޖިދު ތަބޫން ވިދާޅުވެއްޖެއެވެ.
އެ ގައުމުގެ ގައުމީ މީޑިއާއިން ކުރި ސުވާލަކަށް ޖަވާބުދެއްވާ ރައީސް މަދުޖިދު ވިދާޅުވީ ސީރިއާއަކީ ވެސް މި ޖަލްސާތަކުން ފެންނަން ޖެހޭ ގައުމެއް ކަމަށާ އަރަބި ސަމިޓަށް ހުރިހާ ގައުމުތައް ޖަމާވެ، ހުރިހާ އަރަބިން އެއްގަލަކަށް އަރަން ޖެހިފައިވާ ކަމަށެވެ.
އަދި އެގައުމުން އިންތިޒާމު ކުރާ ހުރިހާ ކަންމެއްގައި ވެސް ހުރިހާ ގައުމުތައް ބައިވެރިކޮށް ދައުވަތު އަރުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެގައުމުން އަބަދުވެސް ސުލްހައަށް މަސައްކަތް ކުރާނެ ކަމަށާ އަރަބި ގައުމުތައް އެކުވެރި ކުރުމުގައި އެގައުމުން އަބަދުވެސް އިސްނަގާނެ ކަމަށެވެ.
2011 ވަނަ އަހަރު ސީރިއާ އަރަބި ލީގުން މަނާކޮށްފައި ވަނީ އެގައުމުގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުންނާ އެގައުމުގެ ސަރުކާރުން އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގެ ސަބަބުންނެވެ.
އަލްޖީރިއާގެ ރައީސް މިހެން ވިދާޅުވުމާއެކު ގިނަ ބަޔަކު ބުނަމުން އަންނަނީ އަރަބި ލީގުގެ ކަންކަމުގައި ސީރިއާ އަލުން ބައިވެރި ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަލްޖީރިއާގެ އިތުރުން ބަލާއިރު އަރަބި ލީގުގައި ސީރިއާ އަލުން ހިމެނުމަށް އުރުދުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި މިސްރުން ވެސް ވަނީ ސީރިއާއާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާ ބައެއް ޝަރުތުތައް ވެސް ހުށަހަޅާފައެވެ.