މެދުއިރުމަތީގެ ދޭދޭ ގައުމުތަކުގެ މެދުގައި ސިޔާސީ ހަލަބޮލިކަން ބޮޑުވެ ސީރިއާ އެކަހެރި ކޮށްފައި އޮންނަތާ 12 އަހަރު ފަހުން އަލުން އަރަބްި ލީގަށް ވައްދައިފިއެވެ.

އަރަބި ލީގްގެ ހާރިޖީ ވަޒީރުން އިއްޔެ މިސްރުގައި ބައްދަލު ކުރެއްވުމަށް ސީރިއާ އާ އަލުން ގުޅުން ގާއިމު ކުރަން ނިންމާފައި ވާއިރު މިއީ މެދުއިރުމަތިން މިހާރު ފެންނަމުން ދާ ދޭދޭ ގުޅުންތައް އަލުން ބަދަހިކުރުމުގެ ސިލްސިލާގެ މުހިންމު ބޮޅެކެވެ.

ދާދިފަހަކާ ޖެހެންދެން ހަތުރުންގެ ގޮތުގައި ތިބި އީރާން، ސައުދީ، ޔަމަން، ގަތަރު، އުރުދުން ފަދަ ގައުމުތަކުން މިހާރު ސުލްހަ ވެ ގުޅުންތައް އާންމު ހާލަތަށް ގެންސްފައި ވާ އިރު ސީރިއާ އެ ލިސްޓަށް ވަނުމުން، މެދުއިރުމަތީގައި އެންމެ މައްސަލަ ބޮޑު އެއް ސަރަހައްދަށް ހަމަޖެހުން އަންނާނެ ކަމަށް މުރާސިލުން ބުނެއެވެ.

އަރަބި ލީގުން އިއްޔެ ނިންމި މި މުހިންމު ނިންމުމަކީ މިމަހުގެ 19 ވަނަ ދުވަހަށް ތާވަލް ކޮށްފައި ވާ ލީގް ސަމިޓަށް ވެސް މުހިންމު ކުރިއެރުމެއް އަންނާނެ ކަމެކެވެ. މި ސަމިޓް އޮންނާނީ މޭ 19 ވަނަ ދުވަހު ސައުދީ އަރައްބިއްޔާގައެވެ.

އަރަބި ލީގުން ސީރިއާ ސަސްޕެންޑް ކުރީ 2011 ވަނަ އަހަރު ސީރިއާ ސަރުކާރާ ދެކޮޅަށް ނުކުތް މީހުން ހިފާ ހައްޔަރު ކުރަން ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ކުރެއްވި އަމުރާއެކު ބޮޑު ދާހިލީ ހަނގުރާމައަކަށް ބަދަލުވެ ދިޔަ ހިސާބުންނެވެ. އެ ހަމަނުޖެހުންތަކުގައި ބައިމިލިއަނެއްހާ މީހުން މަރުވެ 23 މިލިއަނެއްހާ މީހުން ވަނީ ވިއްސިވިހާލިވެފައެވެ. ނުވަތަ އެތަން މިތަނަށް ގޮސްފައެވެ. އޭގެ ފަހުން ސީރިއާގައި މިއަދާ ހަމައަށް ދެމިގެން އައީ ބަރުހަތިޔާރާއެކު ކުރަމުން ދިޔަ ދާހިލީ ހަނގުރާމައެވެ. މުޅި ގައުމު ސުންނާފަތިވެ އިގްތިސޯދީ ގޮތުން އަރައިނުގަނެވޭ ވަރުގެ އަނދަވަޅަކަށް ވެއްޓި އުމްރާނީ ވަސީލަތްތައް ވަނީ ފުނޑުފުނޑުވެފައެވެ. މިހާރުވެސް ސީރިއާ ސަރުކާރާ ވަކިވެގަނެގެން ތުރުކީ ބޯޑަރާ އިންވެގެން އޮންނަ ސީރިއާގެ އުތުރު ބިތުގައި 5 މިލިއަނެއްހާ މީހުން އެބައުޅެއެވެ. އެމީހުންނަކީ ގަތަރާއި ތުރުކީން މަދަދު ލިބޭ ބަޔަކަށް ވާއިރު ސީރިއާ ސަރުކާރަކީ ރަޝިއާއާއި އީރާނުގެ މަދަދު ލިބޭ ސަރުކާރެކެވެ.

އަރަބި ލީގުން ސީރިއާ ބަލައިގަތުމަށް ނިންމި ނަމަވެސް މެދުއިރުމަތީގެ އެންމެ މުއްސަނދި އެއް ގައުމު، ގަތަރުން ބުނެފައި ވަނީ ސީރިއާ އާ ގުޅުން ގާއިމު ނުކުރާނެ ކަމަށެވެ. ހަމަ އެގޮތަށް އުރުދުނާއި ކުވައިތުންވެސް ނުރުހުން ފާޅުކޮށްފައި ވެއެވެ. އެގައުމުތަކުން ބުނެފައި ވަނީ ސުލްހައިގެ މަޝްވަރާތައް ނުކުރެވި ނުވަތަ އެއްބަސް ނުވެވި އަރަބި ލީގުގައި ބައިވެރިވުމަށް ސީރިއާ އަށް ދައުވަތު ދޭން މާ އަވަސް ކަމަށެވެ. އަދި އަރަބި ލީގުން އެ ގޮތަށް ނިންމި ނަމަވެސް ސީރިއާ އާ ގުޅުން ގާއިމު ކުރަން އެގަމުތަކުން ނިންމާނީ ސިޔާސީ ގޮތުން ހޯދޭ ހައްލެއްގެ މައްޗަށް ކަމަށް ވަނީ ބުނެފައެވެ.