ޔޫކްރައިން ހަނގުރާމަ އާ ގުޅިގެން ހުޅަނގާއި އެމެރިކާއިން ރަޝިއާ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުން ދާ ދަނޑިވަޅެއްގައި އެެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ހިމެނޭހެން 500 މީހަކަށް ރަޝިއާ އިން ފިޔަވަޅު އަޅައިފިއެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ރަޝިއާގެ ވިޔަފާރިތަކާއި މުދަލާއި އާންމު ފަރުދުންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބަދަލެއްގެ ގޮތުން ރަޝިއާއިން އިއުލާން ކުރި ލިސްޓުގައި އެމެރިކާގެ ވެރިކަމުގެ ތެރޭގައި ހިމެނޭ އިސް ބައެއް އޮފިޝަލުންނާއި ސީއެންއެންގެ އެކި ޕްރޮގްރާމްތައް ހުށަހަޅައިދޭ ފަރާތްތައްވެސް ހިމެނެއެވެ.
އޮބާމާގެ އިތުރުން، އެމެރިކާގެ ކުރީގެ އެމްބެސެޑަރު ޖޮން ހުޓްސްމަން އާއި ސީއެންއެންގެ ހޮސްޓް ސްޓެފަން ކޮލްބާޓް، އެރިން ބާނެޓްގެ އިތުރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ ބަޔަކުވެސް ލިސްޓްގައި ވަނީ ހިމަނާފައެވެ.
ރަޝިއާއިން މި ލިސްޓް ނެރުނު އިރު ދެގައުމުގައި މިހާރުވެސް، ވިސާގެ މައްސަލަތަކުގައި ތާށިވެފައި ތިބި މީހުން އެބަ ތިއްބެވެ. އަދި ބަދަލު ހިފުމުގެ ގޮތުން ހިފަހައްޓާފައި ތިބި މީހުންވެސް އެބަތިއްބެވެ. އެގޮތުން އެމެރިކާއިން ރަޝިއާގެ ނޫސްވެރިއަކަށް ވިސާ ނުދިނުގެ ބަދަލުގައި ރަޝިއާގައި ހަރަކާތްތެރިވި އެމެރިކާގެ ނޫސްވެރިއަކު ރަޝިއާއިން ވަނީ ހިފަހައްޓާފައެވެ.
ޔޫކްރައިން ހަނގުރާމަ އާ ގުޅިގެން ރަޝިއާ އާ ދެކޮޅަށް އަޅާ ގިނަ ފިޔަވަޅުތަކަކީ އެމެރިކާގެ ބާރު އެޅުމާއެކު ހުޅަނގާއި ނޭޓޯ އަދި އީޔޫއިން އަޅަމުން ގެންދާ ފިޔަވަޅުތަކެކެވެ. އެގޮތުން މިހާރު ޖަޕާނުގެ ހީރޯޝީމާގައި ކުރިއަށް ދާ އެންމެ ކުރިއަރާފައިވާ 7 އިގްތިސޯދުގެ ވެރިންގެ ބައްދަލުވުމާ ދިމާކޮށް ވެސް ވަނީ ރަޝިއާ އަށް އަޅާނެ އިތުރު ފިޔަވަޅުތަކެއް އިއުލާން ކޮށްފައެވެ. އެގޮތުން، ރަޝިއާގެ އާންމު ބައެއް ފަރުދުންގެ އިތުރުން، ޓެކްނޮލޮޖީގެ ދާއިރާއިން ފިޔަވަޅުތައް އަޅަން ވަނީ އިއުލާން ކޮށްފައެވެ. އޭގެ އިތުރުން ރަޝިއާގެ ޑައިމަންޑާއި އެކި މައުދަންގެ ވިޔަފާރިއަށް ވެސް ހުރަސް އަޅަން ވަނީ އިއުލާން ކޮށްފައެވެ.
މި ލިސްޓުގައި އެމެރިކާގެ ފަހަތުން ދާ ދެވަނަ ގައުމަކީ އިނގިރޭސިވިލާތެވެ. އެގައުމުންވެސް ފިޔަވޅުތަކެއް އިއުލާން ކޮށްފައި ވާ އިރު، ޖީ7 ގެ ހުރިހާ ގައުމަކުން ވަނީ އެފިޔަވަޅުތަކަށް އެއްބަސްވެފައެވެ.
ޔޫކްރައިން ހަނގުރާމަ ނިމުމެއް ނެތި ކުރިއަށް ދާއިރު، ޔޫކްރައިން އިން ތައްޔާރުވަމުން ދަނީ ހުޅަނގުގެ ޒަމާނީ ބަރުހަތިޔާރާއެކު ވަރުގަދަ ހަމަލާތަކެއް ދިނުމަށެވެ. އެކަމަށްޓަކައި ބޭނުންވާ އަސްކަރީ އުޅަނދުތައް ޔޫކްރައިން އަށް ޖަމާކޮށް ސަފުތައް ރުކުރުވާލަމުން ގެންދާ އިރު، އެގައުމުގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ މިހާރު އުޅުއްވަނީ އިތުރު އެހީއާއި މަދަދު ހޯއްދެވުމަށް ޔޫރަޕާއި، މެދުއިރުމަތީގައެވެ. އަދި މިއަދުވެ ވަގުތެއްގައި ޖަޕާނަށް ވަޑައިގެން ޖީ7 ގެ ގައުމު ތަކުގެ ލީޑަރުންނާ ބައްދަލު ކުރައްވާނެއެވެ.