އެންދަމަން ފޭބި މަސްވެރިއަކަށް މިޔަރެއް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ފ.ބިލެއްދޫގައި ފާނަ މަސްވެރިކަން ކުރަމުން އަންނަ ގުރުވަ ނަމަކަށް ކިޔާ ދޯނިން އެންދަމަން މިއަދު ހެނދުނުގެ ވަގުތެއްގައި ފަޅުވެރިއަކު މޫދަށް ފުންމާލައިގެން އުޅުމުގެ ތެރޭގައެވެ.
އެ މީހާގެ ފައިގެ ކުޑަކަޅުވާގައި މިޔަރު ދަތްއެޅުމުގެ ސަބަބުން އެތަނުން ބައެއް ނައްޓައިގެން ގޮސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ މ. މުލީ ހޮސްޕިޓަލުގައެވެ. އަދި އެހޮސްޕިޓަލުން ދޫކޮށްލުން އިތުރު ޓެސްޓްތައް ހެދުމަށް މިއަދު ހަވީރު މާލެއަށް ފުރާފައިވާ ކަމަށް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.
މަސްވެރިކަމަށް ނުކުމެ އުޅުނު ގދ. ތިނަދޫ ކަޅިރަވަ ދޯނިން މޫދަށް ވެއްޓުނު މީހަކަށް ވެސް މިޔަރެއް ވަނީ ހަމަލާދީފައެވެ.
މިމަހު 16 ވަނަ ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި ޒަހަމްވެފައި ވަނީ އުމުރުން 32 އަހަރުގެ ބަންގްލާދޭޝް މީހެކެވެ. މައުލޫމާތު ލިިބިފައިވާ ގޮތުގައި އެމީހާއަށް މިޔަރު ހަމާލާދީފައި ވަނީ ގއ. ކޫއްޑުއަށް މަސް ކިރަން ގޮސް، ކިއު ދިގުވުމުން ފަޅުން ބޭރަށް ދޯނި ނެރުނު ވަގުތު މޫދަށް ވެއްޓުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ ގައިގެ ތިން ތަނެއްގައި މިޔަރު ދަތް އަޅާފައި ވާއިރު އޭގެ ތެރޭގައި އޭނާގެ އަތާއި ފައިގެ ދެ ތަނެއް ހިމެނެއެވެ.
މީގެ ކުރިން ވެސް މިޔަރު ހަމަލާދީގެން ނުރައްކާތެރި ހާދިސާތައް ވަނީ ހިނގާފައެވެ. މިގޮތުން މިދިޔަ އަހަރު މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ވަނީ ހަމަލާދީ ޒަހަމްކޮށްލާފައެވެ. އެފަހަރު ޒަހަމްވެފައި ވަނީ 62 އަހަރުގެ ދިވެހި މަސްވެރިއަކަށެވެ.
އެ ހާދިސާ ހިނގާފައި ވަނީ ޅ. މާފިލާފުއްޓާ ދިމާލު ބޭރުން 14 މީހުންނާއެކު އޭނާ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށެވެ.
ރާއްޖޭގައި މިޔަރު ހިމާޔަތް ކުރުމުގެ ސަބަބުން މިޔަރުގެ އާބާދީ އިތުރުވެ، އެކަމުގެ ޝަކުވާ މަސްވެރިން އަންނަނީ ކުރަމުންނެވެ.