ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދަ ނަގައިފިއެވެ.
ހުރިހާ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދަ ނަގާފައި މިވަނީ އެމްޑީޕީން ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިންނެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ކުރިއަށް ތިން ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ ހަރަކާތްތައް ހިންގާނެ ކަމަށާއި އެގޮތުން އެ ހަރަކާތްތައް ހިންގުމަށް މާލެއިން ޓީމުތައް ރަށްތަކަށް ގޮސްފައިވާ ކަމަށް ބުނެފައެވެ.
އެޓީމުތަކުން އެމްޑީޕީގެ މެނިފެސްޓޯ އަށް ބޭނުންވާ މައުލޫމާތު ހޯދުމާއި މެންބަރުން އިތުރުކުރުން ފަދަ ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
މިއަދު އެމްޑީޕީގެ ދިދައެއް ނަގާފައިވާއިރު ހުރިހާ ރަށެއްގައި ޕޯސްޓާ އިވެންޓެއް ވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހު ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކޮށް ކުރި ހޯއްދަވައިގެންނެވެ.
ޕްރައިމަރީން ބަލިވެވަޑައިގަތުމުން ނަޝީދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް އެމްޑީޕީގެ ތެރޭގައި ހަދާފައެވެ. ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުގައި ހިމެނިވަޑައިގެންނަވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން ވަނީ ޕާޓީއިން ވަކިވެފައެވެ. އަދި އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައި ވާ ކަމަށް އިއުލާން ކުރުމާއެކު، އެ ފިކުރަށް ތައީދު ކުރާ އެމްޑީޕީގެ ބައެއް މެންބަރުން ޕާޓީން ކެނޑެމުންވެސް އެބަދެއެވެ.