މާލޭގެ މަަޖީދީ މަގުގައި އެއް ސައިކަލަކަށް ހަަތަރު މީހުން އަރައިގެން ދުއްވަ މައްސަލައިގައި ޖޫރިމަނާކޮށްފިއެވެ.

އެ 4 މީހުން އެއް ސައިކަލުގައި ދަތުރު ކުރަމުން ދިޔަ ވީޑިއޯ މިއަދު ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، މާލެ ތެރޭގައި ދެ މީހުންނަށްވުރެ ގިނަ މީހުން އަރައިގެން ސައިކަލެއް ދުއްވަނިކޮށް މިއަދު ހުއްޓުވާފައި ވާނެ ކަމަށެވެ.

އެ ސައިކަލު ދުއްވި ބިދޭސީ މީހާއަށް ޓްރެފިކް ގަވައިދުގެ ދަށުން ފިޔަވަޅު އަޅާފައިވާނެ ކަމަށާއި އެގޮތުން ފިޔަވަޅެއްގެ ގޮތުން އޭނާ ޖޫރިމަނާކޮށްފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

އެ މީހާ ޖުރިމަނާ ކޮށްފައިވަނީ ކިހާ އަދަދަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިއަދު އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި އެ ސައިކަލުގައި ބޮޑު 2 މީހުންގެ އިތުރުން ކުޑަ 2 ކުދިން ތިއްބެވެ. ސައިކަލު ދުއްވަން ފިރިހެނަކު އިންއިރު އޭނާގެ ކުރީގައި ކުޑަކުއްޖަކު އަދި އޭނާގެ ފަހަތުގައި ކުޑަކުއްޖަކާއި ބޮޑު އަންހެނެއް އިނެވެ. ކާރުބާރުބޮޑު މަޖީދީ މަގުގައި ދުއްވާފައިދާތަން އެ ވީޑިއޯއިން ފެންނައިރު އެއީ ބިދޭސީންތަކެއްކަން އެނގެއެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިންވެސް މިފަދަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލާގައި އެމީހާ މެދު ފިޔަވަޅު އަޅާފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.