މި ސަރުކާރުން މަސްވެރިކަމަށް އިންގިލާބީ ބޮޑު ބަދަލުތަކެއް ގެނެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އަމީރުއަށް ރައްދުދީފިއެވެ.

މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ރާއްޖޭގެ މަސްވެރިކަމަށް އިންގިލާބީ ބަދަލެއް ގެނެސްދީފައިވާ ކަމަށް މިފްކޯއިން ގެނައި އާ ބޯޓު "ޖަޒީރާ 103" ގައި މަސްކިރަން ފެށަން ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި އަމީރު ވަނީ ވިދާޅުވެފައެވެ.

އަމީރު ވަނީ މި ފަސް އަހަރުގެ ތެރޭގައި މިފްކޯގެ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުވީ އޭގެ ކުރީގެ ހުރިހާ އަހަރުތަކުގައި ކެޕޭސިޓީ އުފެއްދުނު މިންވަރާ ނުބައްދަލުކޮށް ކަމަށެވެ. އަދި 2018 ވަނަ އަހަރު ނިމުނުއިރު ހުރި ކެޕޭސިޓީއާ އަޅާބަލާއިރު، މިހާރު ގާތްގަނޑަކަށް 241 ޕަސެންޓް ކުރިއަރާފައިވާ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

އަމީރުގެ އެ ވާހަކަތަކަށް ރައްދުދެމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ސަރުކާރުން ފާއިތުވި ފަސް އަހަރު ގެނައީ ކޮން އިންގިލާބީ ބަދަލެއްތޯ ސުވާލުކޮށްފައެވެ. އަދި މަސްވެރިން މިހާރު އުޅެނީ ކުރިއަށްވުރެ މާ ހާލުގައި ކަމަށާއި ހާއްސަކޮށް ބޮޑުކަންނެލި މަސްވެރިކަމަށް އެއްވެސް ކުރިއެރުމެއް ލިބުނު ތަނެއް ނުފެންނަ ކަމަށް އެ ޔޫނިއަނުން ބުނެއެވެ.

ދުވަހެއް ދުވަހަކަށް މަސްވެރިންނަށް އަޅާނުލާ ހާލަތު ދަށަށް ދާ ތަން ފެނިގެންދަނީ
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މިހެން ބުނެފައި ވާއިރު އަމީރު ވަނީ މިއަހަރު ނިމޭއިރު މިފްކޯގެ މަސް ރައްކާކުރެވޭ ކެޕޭސިޓީ 5887 މެޓްރިކް ޓަނަށް ބަދަލުވެގެން ދާނެ ކަމަށް ވިދާޅުވެފައެވެ.

އަމީރު ވިދާޅުވީ މަސްވެރިން މަސްކިރަން ގިނަ ވަގުތު ކިއުގައި ހޭދަކުރަން ޖެހުމުގެ ޝަކުވާ ލިބޭ އެންމެ ބޮޑު ސަބަބަކީ ފާއިތުވި އަހަރުތަކުގައި ކެޕޭސިޓީ އިތުރުކުރަން އެކަށިގެންވާ މަސައްކަތްތަކެއް ކޮށްފައި ނެތުމުން ކަމަށެވެ.

މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ކޮރެއާ އިން ރާއްޖެ އަށް ގެނައި އާ ބޯޓު "ޖަޒީރާ 103" އިން މަސްކިރަން އިއްޔެ ފަށާފައިވާއިރު ދުވާލަކު 120 މެޓްރިކް ޓަނުގެ މަސް ގަނެ، ފިނިކުރެވޭ މި ބޯޓުގައި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވެއެވެ.