ގުދުރަތީ ތިމާވެށްޓާއ،ި ދިރޭ ތަކެތީގެ މުއްސަނދިކަމާއ،ި ގުދުރަތީ ވަސީލަތްތަކުގެ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމައަށް ގެންދިއުމަށް މަަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ. ސަބަބަކީ މިހާރު ވެސް މިފަދަ ދިރުންތަކުގެ ތެރެއިން ބައެއް އެއްޗެއްސަކީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް އެއްޗެއްސެވެ. ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި ރައްކާތެރިކޮށް އެ ތަކެތީގެ ނަސްލުތައް ދެމެހެއްޓުމަށް އެ ދިރުންތަކެއް ހިމާޔަތް ކޮށްފައި ވީ ނަމަވެސް ބައެއް ތަކެތި ހިފައި، އެތަކެއްޗަށް ގޯނާ ކުރާ މީހުން މި މުޖުތަމައުގައި އުޅޭ ކަމީ ކަންބޮޑުވާން ޖެހޭ މައްސަލައެވެ.

އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރު އިބްރާހިމް ނައީމް ވިދާޅުވީ، ނެތިގެން ހިނގައިދާނެ ކަމަށް ބެލެވޭ ދިރުންތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ގިނައިން ހިފައި ނުވަތަ ގޯނާ ކުރާ ތަކެތީގެ ތެރެއިން ފާހަގަ ކުރެވެނީ ވެލާ ކަހަނބާއި، ބާޒު ކަމަށެވެ. މީގެ ތެރެއިން ވެލާ ކަހަނބު ހިފައި އަދި އެ ސޮރުމެން ބިސް އަޅާ ތަންތަނުން ބިސް ނަގާ މައްސަލަތައް ގިނަކަން ފާހަގަ ކުރެވެއެވެ.

ލ. އަތޮޅުގެ ފަޅު ރަށަކަށް ފުރޮޅާފއި ހުރި ވެލާތައް / ފޮޓޯ: އޮލިވާ ރިޑްލީ ޕްރޮޖެކްޓް

މި އަހަރުގެ ތެރޭގައި ވެސް ބ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކެޔޮދޫގައި 6 ވެލައެއް ފަޅައި، ކައްކަން އުޅުނު މައްސަލައެއް ފެންމަތިވިއެވެ. މި ފަދަ މައްސަލަތައް މަދު ކުރުމަށް އީޕީއޭއިން ކުރާ މަސައްކަތަކީ ފުލުހުންނާއި ކައުންސިލްތަކާއި ކަމާ ގުޅޭ ހުރިހާ އިދާރާއެއް ގުޅިގެން، އާންމުން ހޭލުންތެރި ކުރުމަށް އެކި ޕްރޮގްރާމްތައް ހިންގުމެވެ. އަދި ގަވާއިދާ ހިލާފަށް އަމަލު ކުރާ މީހުންނަށް ފިޔަވަޅުތައް އެޅުމެވެ.

އީޕީއޭއިން އަޅާ ފިޔަވަޅުތައް:

  • ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗަކަށް ގޯނާކޮށްފި ނަމަ 30،000 އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން
  • ހިމާޔަތްކޮށްފައިވާ ދިރޭ ތަކެތީގެ ހާއްޔާއ،ި ނިދާ ތަންތަނާއ،ި ބިސްއަޅާ ތަންތަނާއ،ި ވިހާ ތަންތަނަށް ގެއްލުންދީފި ނަމަ، 30،000 އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން
  • ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗާ މެދު އަމަލުކުރުމަށް އަންގާފައިވާ ގަވާއިދާއި އުސޫލުތަކާ ހިލާފުވެއްޖެ ނަމަ 30،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން
  • ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗެއް ދިރާސާ ކުރުމަށް ދީފައިވާ ހުއްދައިގައި ދޮގު މައުލޫމާތު ހިމަނާފައިވާ ނަމަ، ނުވަތަ އެ ހުއްދައާ ހިލާފުވެއްޖެ ނަމަ، އެ ހުއްދަ ބާތިލުކޮށް، 5،000 އާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން
  • ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗެއް ބެލެހެއްޓުމަށް ހުއްދަ ދީފައިވާ ސެންޓަރު ހިންގަން ދީފައިވާ ހުއްދަޔާ ހިލާފުވެއްޖެ ނަމަ ހުއްދަ ބާތިލުކޮށް، 10،000 އާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން
ހއ. އަތޮޅު ކަނޑުން ކަހަނބެއް / ފޮޓޯ: ޒުވާން މަސްވެރިޔާ

ހިމާޔަތް ކޮށްފައިވާ މިފަދަ ތަކެއްޗަށް ގޯނާ ނުކުރަންޏާ އެ އެއްޗެއްސަކީ އަމިއްލައަށް އާލާވަމުން ދާނެ އެއްޗެހި ކަމަށް ނައީމް ވިދާޅުވިއެވެ. އެ އެއްޗެއްސާ ކުޅެ ނުވަތަ ދިރުވާ އާލާ ކުރަން ވަކިން ޓޭންކަކަށް ލައި ވިއްސައިގެން ގެންގުޅެ ވަކިވަރަަކަށް ބޮޑުކޮށް ދޫކޮށްލުމަކީ މާ ރަނގަޅު ކަމެއްގެ ގޮތުގައި ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ ޓޭންކެއް ނުވަތަ ފެންގަނޑެއްގައި ގެންގުޅޭ އެއްޗެއް ކަނޑަށް ދޫކޮށްލުމުން، އެތަކެއްޗަށް ކަނޑުގައި އުޅެން ނޭނގި ވެށީގައި އުޅޭ އެހެން ދިރޭ އެއްޗެހިން ލިބޭ ގެއްލުންތަކުން ރައްކާ ނުވެވި މަރުވުމަކީ ގާތްކަމެއް ކަމަށް ނައީމް ވިދާޅުވިއެވެ.

"ބުއްދިވެރި ގޮތަކީ ގުދުރަތީ ނިޒާމުގައި އެ އެއްޗެހި އުޅެން ދޫކޮށްލުން" ނައީމް ވިދާޅުވިއެވެ.

ކުޑަ ވެލައެއް މޫދާ ދިމާއަށް ދަނީ / ފޮޓޯ: އޮލިވް ރިޑްލީ ޕްރޮޖެކްޓް

ދިވެހިރާއްޖޭގެ ކަނޑުގެ މާހައުލުގައި އުޅޭ ވެލާ ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ އޭޕްރިލް 4، 2016 އިން ފެށިގެން ހިމާޔަތް ކޮށްފައެވެ. މިހާތަނަށް ރާއްޖޭގެ ކަނޑުތަކުގައި އުޅޭކަމަށް ފާހަގަ ކުރެވިފައިވާ ފަސް ބާވަތަތުގެ ވެލަ އާއި ކަހަނބު އުޅެއެވެ. އެއީ ވެލާ، ކަހަނބު، ވާވޮށިވެލާ، ބޯބޮޑު ވެލާ އަދި މުސިންބީ އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އާންމު ގޮތެއްގައި އާލާވެ ބިސްއަޅާ ކަމަށް ފާހަގަވެފައި ވަނީ ވެލާ އަދި ކަހަނބެވެ.

ލ. ގާދޫ ވެލާ ބިސް އަޅާ ސަރަހައްދު ހިމާޔަތްކުރިއަސް މައްސަލަ ހައްލެއް ނުވޭ!

ޒަމާނުއްސުރެ ގިނަ އަދަދަކަށް ވެލާ ބިސްއަޅަން އަރާ ރަށެއްގެ ގޮތުގައި ފާހަގަ ވެފައިވާ، ލ. ގާދޫ އަކީ ކުރިން މީހުން ދިރިއުޅުނު ނަމަވެސް މިހާރު ފަޅު ރަށެކެވެ. 1980ގެ އަހަރުތަކުގައި އަހަރެއްގެ މައްޗަށް 240 ވެލާ ބިސްވަޅު ފެންނަ ކަމަށް ބުނާ، މި ރަށަށް ވެލާ ބިސްއަޅަން އަރަނީ ރަށުގެ ދެކުނު ފަރާތުގައިވާ 500 މީޓަރެއްހާ ދިގު ގޮނޑުދޮށުގެ ހަނި ސަރަހައްދަށެވެ. އެގޮތުން އެ ރަށާކީ 2006 ވަނަ އަހަރު ފިޝަރީޒް މިނިސްޓްރީން ކަނޑައެޅި ރާއްޖޭގެ ވެލާ ކަހަނބު ބިސްއެޅުމަށް ހާއްސަ 14 ސަރަހައްދުތަކުގެ ތެރޭގައި ގާދޫ ވެލާ ބިސްއަޅާ ގޮނޑުދޮށް ހިމެނެއެވެ. އަދި އެ ސަރަހައްދު 10 އަހަރުގެ ބަންދެއްކޮށް ވެލާ ބިސްނެގުން އޭރު މަނާކުރިއެވެ.

ލ.ގާދޫ ވެލާ ބިސްއަޅާ ސަރަހައްދު / ފޮޓޯ: އޮލިވް ރިޑްލީ ޕްރޮޖެކްޓް

ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ 2015 ވަނަ އަހަރާ ހަމައަށް އައި އިރު، އެރަށުގައި ވެލާ ބިސްއަޅާ އަދަދު ވަނީ 40 ޕަސެންޓް ދަށަށް ގޮސްފައެވެ. އެގޮތުން 10 އަހަރުގެ ބަންދު ނިމުމަކަށް އައުމުން 2016 ވަނަ އަހަރު ވެލާ ކަހަނބުގެ ބާވްތަތްތައް ވަނީ ހިމާޔަތް ކޮށްފައެވެ.

ގާދޫ ފަޅުވުމުގެ ކުރިން އެ ރަށުގެ ރައްޔިތުން އައީ އެ ގޮނޑުދޮށަށް ބިސްއަޅަން އަރާ ވެލާތަކާއި ބިސްވަޅުތައް ބަލަހައްޓަމުންނެވެ. އެހެން ނަމަވެސް އެ ރަށުގެ ރައްޔިތުން ކުޑަ މިންވަރަކަށް ވެލާ ބިހުގެ ވިޔަފާރި ކުރިއެވެ. އެ ރަށް ފަޅުވުމުގެ ފަހުން ވެލާ ކަހަނބަކީ ގާނޫނީ ގޮތުން ރައްކާތެރިކަން ލިބިފައިވާ ދިރުމެއްގެ ގޮތުގައި ކަނޑައެޅިފައިވީ ނަމަވެސް އެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ބިސް ނެގުމާއި ވެލާތަކަށް ގޯނާ ކުރުމާއި ގެއްލުންދިނުން ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ވެލާ ބިސް ވަޅެއް ކޮނެ ބިސްތައް ނަގާފައި / ފޮޓޯ: އޮލިވް ރިޑްލީ ޕްރޮޖެކްޓް

2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހިމާޔަތް ކޮށްފައިވާ ސަރަހައްދެއްގެ ގޮތުން ލ. ގާދޫ ރަށުގެ ވެލާ އަރާ ސަރަހައްދާއ،ި ޗަސްބިމާއ،ި ވަށައިގެންވާ ފަޅު އަދި މޫދުވިނަ ސަރަހައްދު ހަމަޖެއްސިއެވެ. އެ ސަރަހައްދު ހިމާޔަތް ކުރި ނަމަވެސް ރަނގަޅު މެނޭޖްމަންޓެއް ގާއިމްކޮށްފައި ނުވުމުގެ ސަބަބުން އަދިވެސް ގަވާއިދާ ހިލާފަށް އެ ސަރަހައްދަގައި ކުރާ އަމަލުތައް އިތުރުވެފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ. އެ ސަރަހައްދުގެ ރައްކާތެރިކަން އަދިވެސް ކަށަވަރު ނުވުމަކީ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި އީޕީއޭއިން ބުނެއެވެ.

މިިދިޔަ ސެޕްޓެމްބަރާ ހަމައަށް ރިކޯޑް ކޮށްފައިވާ 89 ވެލާ ބިސްވަޅުގެ 74.47 ޕަސެންޓް ވަނީ ގަވާއިދާ ހިލާފަށް ނަގާފައި ކަމަށް އީޕީއޭ އިން ބުނެއެވެ. އެ ސަރަހައްދަކީ ރާއްޖޭގައި ވެލާ ބިސްއާޅާ ސަރަހައްދުތަކުގެ ތެރެއިން ގިނަ އަދަދަކަށް ބިސްއަޅާ ސަރަހައްދެއްގެ ކަމުން އެ ސަރަހައްދު މެނޭޖްކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަކީ މި ދަނޑިވަޅުގައި ކުރުން ވަރަށް މުހިންމު ކަމެއް ކަމަށް އީޕީއޭއިން ބުނެއެވެ.

ފަޅު ރަށެއްގައި ބަނދެފައި އޮއްވާ ފެނުނު ވެލާ / ފޮޓޯ: އެންވާރަމަންޓް

ވެލާ ކަހަނބު ނެތިދިއުމަށް ކުރިމަތިވެފައިވާ ނުރައްކަލަކީ އެހެނިހެން މަސްވެރިކަމުގެ ތެރޭގައި އެ ބޭނުމާއި ކަނޑުފަޅު ކިލަނބުވުމާއި ކުނިބުނި ގިނަވުމެވެ. އަދި އެ އެއްޗެހި ދިރިއުޅޭ މާހައުލު ނެތިދިއުމާއި ތަޣައްޔަރުވުމާއި ގަވާއިދާ ހިލާފަށް ވެލާ ހިފުމާއި އޭގެ ވިޔަފާރި ކުރުމެވެ. މީގެ އިތުރުން ވެލާ ބިސް އަޅާ ވަޅުތައް ކޮނެގެން ބިސް ނެގުމަކީވެސް ވެލާ އާލާވުމަށް އޮތް ހުރަހެކެވެ.