ކުރިއަށް އޮތް ރަމަޟާން މަހަށް ގޭތެރެ ސާފު ކުރުމަށްފަހު އުފެދޭ ތަފާތު ބާވަތު ކުނި މަގުމައްޗަށް ނުނެރުމަށް އެންވާރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެ އެޖެންސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކުނި އުފެދޭ މިންވަރު އިތުރުވެ މާލޭގެ އެކި ސަރަހައްދުތަކަށް ގިނަ އަދަދަކަށް ކުނި ޖަމާކުރުމުގެ މައްސަލަތައް ހުސްވި އަހަރުގެ ރޯދަ މަހުގެ ކުރިން ވެސް ދިމާވި ކަމަށެވެ.

އަދި އެކަން ހައްލުކުރަން މާލެ ސިޓީ ކައުންސިލުންނާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށް އިތުރަށް އީޕީއޭއިން ބުނީ، މި ފަހަކަށް އައިސް އާންމުކޮށް ގޭބިސީތަކުންނާއި ފިހާރަތަކުން އުފެދޭ ކުނި ވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިކަމަކީ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައް ދިމާވެ، އަދި ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި ވާތީ، މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނިބުނި ނޭޅުމަށް ދަންނަވަން" އީޕީއޭގެ އިއުލާނުގައި ވެއެވެ.

އީޕީއޭއިން ވަނީ ރޯދަ މަހަށް ގެ އާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ކުރީ ބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ރަށްރަށުން އެ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތަކާ އަދި ސިޓީތަކުގައި ވެމްކޯ އާ ގުޅިގެން ހަމަޖެއްސުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ހަމައެހެންމެ ތިމާވެށި ތަގައްޔަރުވާ ނުވަތަ ތަގައްޔަރުވެދާނެ ފަދަ ގޮތަކަށް، އެއްވެސް ފަރާތަކުން ކުނި ގެންގުޅުމުގެ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ ނުވަތަ ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެންކަމުން އެ ގާނޫނާ އެއްގޮތަށް ކުނި މެނޭޖު ކުރުމަށާ އަދި މަގުތަކާއި އާންމު ސަރަހައްދުތަކަށް ކުނިބުނި އުކާލުމުގެ ބަދަލުގައި އެ ތަންތަން ސާފުކޮށް ބޭއްވުމަށް އީޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.