ތިމާވެށި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް އަމަލުކުރުމުން ޖޫރިމަނާކޮށް އެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާ މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އެ ކޮމިޓީއަށް މި ހުށަހެޅުން ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމެވެ. އޭނާ ކޮމިޓީއަށް ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ވެރިން ކޮމިޓީއަށް ހާޒިރު ކުރުމަށާއި، ވިޔަފާރިތައް ހުއްޓުވަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިކޮނޮމިކް މިނިސްޓްރީއާ އެއްވެސް މަޝްވަރާއެއް ކޮށްފައިވޭތޯ ބެލުމަށާއި އަދި އެފަދަ ވިޔަފާރިތައް ހުއްޓުވޭނެ ގޮތެއް އޮތްތޯ ބަލައި މަޝްވަރާ ކުރުމާއި އެކަން ކުރެވޭ ނަމަ ސިޓީއަކުން އެންގުމަށެވެ.
މުސްތަފާ ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ޖެހެނީ ރާއްޖޭގެ ސަރަހައްދުގައި އުޅޭ ބައެއް އުޅަނދުތައް ގަވާއިދާ ހިލާފަށް އޮޕަރޭޓްކުރާ މައްސަލަ އާއި މިފަދަ އުޅަނދުތައް ހުއްޓުވުމަށް ގާނޫނުތަކުން ދަށުން ހަދަން ޖެހޭ ގަވާއިދުތައް މިނިސްޓްރީން ހަދާފައި ނުވާތީ ކަމަށެވެ.
ތިމާވެށީގެ ޖޫރިމަނާތަކުން ނުލިބޭ ފައިސާ ހޯދަން، އެ މީހުންގެ ވިޔަފާރިތައް ހުއްޓާލެވޭނެ ގޮތެއް އޮތްތޯ ބެލުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެއީ އެ މިނިސްޓްރީ އާއި އީޕީއޭ އަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމަކަށް ނުވާތީ، އެކަން ކުރަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.
ތިމާވެށީގެ ޖޫރިމަނާތައް ނުލިބޭ މައްސަލާގައި އީޕީއޭ އާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސްވެރިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އީޕީއޭ އިން އެ ކޮމިޓީގައި އޭރު ބުނި ގޮތުގައި ތިމާވެއްޓަށް ގެއްލުން ދިނުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައުލަތަށް ނުލިބި ދިގުލައިގެން ދާއިރު، އެ ފައިސާ ހޯދުމަށް ކޯޓަށް ދިއުމުގެ ބާރު އީޕީއޭއަށް ލިބިފައެއް ނެތެވެ. އޭޖީ އޮފީހުން ބުނެފައި ވަނީ ރާއްޖޭގެ ފަރުތަކަށް އަރާ ބޭރުގެ ބޯޓުތައް ޖޫރިމަނާ ކުރުމުން އެ ފައިސާ ނުދައްކާ ރާއްޖެއިން ބޭރަށް ފުރައިގެންދާ މައްސަލަ ވޭތުވެދިޔަ ތިން އަހަރު ވަރަށް ބޮޑަށް ދިމާވަމުންދާ ކަމަށެވެ.
ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތަކުގެ ތެރެއިން 825 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ދައުލަތަށް ނުލިބޭކަން އީޕީއޭ އިން މިދިޔަ ޑިސެމްބަރު މަހު ހާމަކުރި ތަފާސްހިސާބުތަކުން ދައްކައެވެ.
ތިމާވެއްޓަށް ގެއްލުން ލިބިގެން ޖޫރިމަނާ ކޮށްފައިވާ ހާލަތްތަކަށް ބަލާއިރު، ބޯޓު ފަހަރު ފަރަށް އެރުމާއި، ހިންގާ ބައެއް މަޝްރޫއުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާ ގުޅިގެން ވެސް ބައެއް ކުންފުނިތައް ވަނީ ޖޫރިމަނާކޮށްފައެވެ.