ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައަޅައި ބަހާލުމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ސަރުކާރުން ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް މިއަދު އަލުން ހުށަޅައިފިއެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަޖިލިހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ޗާގޯސްގެ މައްސަލާގައި ރާއްޖޭގެ ދިފާއުގައި މިނިސްޓަރު ޝާހިދު އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާ ކަމަށެވެ. އެހެންކަމުން ޝާހިދު މަގާމުން ވަކިކުރުމަށް ހުށަހެޅުއްވީ ކަމަށެވެ.

ޝާހިދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ މައްސަލާގައި ޕީޕީއެމް/ޕީއެންސީގެ ހުރިހާ މެމްބަރުންނާއި އެމްއެންޕީގެ ތިން މެންބަރުން އަދި ޖުމްހޫރީ ޕާޓީގެ މެމްބަރުން ސޮއިކުރެއްވި ކަމަށާއި ނަަމަވެސް, އެ މައްސަލާގައި ފިކުރެއްގެ ދިރުމުގެ ފަރާތުން ސޮއިކުރެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެކަނި ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

ޝާހިދު މަގާމުން ވަކިކުރުމުގެ މައްސަލަ މިދިޔަ ހޯމަ ދުވަހު ވެސް މަޖިލިހުގެ އިދާރާ އަށް ހުށަހެޅިއެވެ. ޝާހިދުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު އަނބުރާ ގެންދިޔަ ނަމަވެސް އިތުރު މެންބަރުންގެ ސޮޔާއިއެކު އަދި އެމައްސަލަ ހުށަހަޅާނެ ކަމަށް އޭރު ޝަރީފު ވަނީ ވިދާޅުވެފައެވެ.

ޝާހިދުގެ އިތުބާރު ނެތް މައްސަލާގެ ލިޔުމުގައި އޭރު ސޮއިކުރައްވާފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ މެންބަރުގެ އިތުރުން އެމްއެންޕީގެ މެންބަރުންނާއި ޖޭޕީގެ އެއް މެންބަރެކެވެ. މި މައްސަލައިގައި "ފިކުރެއްގެ ދިރުން" ފެކްޝަނުގެ މެންބަރަކު އޭރު ސޮއިކުރައްވާފައެއް ނުވެއެވެ.

އިޓްލޮސްގައި ނިމިދިޔަ މައްސަލައަކީ މޮރިޝަސް އަށް ޗާގޯސް ލިބުނު ފަހުން ޗާގޯސް އިން 200 މޭލު އަދި ރާއްޖެއިން 200 މޭލު ކުރަހައިފި ނަމަ އެ ދެމެދު ފުށޫ އަރާ އީއީޒެޑް ދެބަޔަށް އެއްވަރުވާނޭ ހަމައަކުން ބެހުމުގެ މައްސަލައެވެ. އެ މައްސަލަ ނިމިގެން ދިޔަ ގޮތުން ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

މިކަމާ ގުޅިގެން އެ އިއްތިހާދުން ބުނީ ރާއްޖެއަށް ގެއްލިގެން ދިޔައީ ރާއްޖޭގެ މަސްވެރިން ނަފާ ހޯދަމުން ދިޔަ ކަނޑުގެ ސަރަަހައްދެއް ކަމުން އެއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ރައީސް ސޯލިހް ގައުމަށް ހިޔާނާތްތެރިވެއްޖެ ކަމަށް ވެސް އެ އިއްތިހާދުން ބުނެއެވެ.