ދޮގު ބަޔާން ދިން ކަމަށް ބުނާ މައްސަލާގައި މާލޭސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްގެ ކަންކަމާ ގުޅޭ ގޮތުން ދޮގު ބަޔާން ދެއްވާފައިވާތީ މުއިއްޒުގެ މައްޗަށް ގާނޫނު ނަންބަރު 2014/09 ގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފައެވެ.
މި މައްސަލައިގެ ހުކުމް އިއްވަވަމުން އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ ދައުލަތުން ކޯޓަށް ހުށަހެޅި ބަޔާނަކީ އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާނެއް ކަން ކަށަވަރު ކުރަން ދައުލަތުން މަސައްކަތް ކޮށްފައިވާކަން އެނގެން ނެތް ކަމަށާއި އެ ބަޔާނުގައި އޮތް ސޮޔަކީ މުއިއްޒުގެ ސޮޔެއް ކަން ކަށަވަރު ކުރަން މަސައްކަތް ކޮށްފައިވާ ކަން އެނގެން ނެތް ކަމަށެވެ. އެހެންކަމުން އެއީ އޭނާ ދެއްވި ބަޔާނެއް ކަމާ ޝައްކު އުފެދޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
އާބިޓްރޭޝަނަށް މުއިއްޒު ބަޔާނެއް ދެއްވިކަމާ މެދު ސުވާލު އުފެދިފައިވާތީ ކުށުގެ ރުކުންތައް ފުރިހަމައެއް ނުވާ ކަމަށާއި އެހެންކަމުން އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކުރެއްވީ ކަމަށް ގާޒީ ވިދާޅުވިއެވެ.
ދެ ކަމެއްގައި މުއިއްޒު ދޮގު ބަޔާން ދެއްވި ކަމަށް ޕީޖީން ފާހަގަކުރެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކުންފުނީގެ ހެކިވެރިއަކަށްވެ ހުރެ ހައުސިންގް ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާ އެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރުގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ވަނަ އަހަރު ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަަމަށް ވިދާޅުވެ މުއިއްޒު ދެއްވާފައިވާ ދޮގު ބަޔާނުގެ މައްސަލައަކީ އެއް ކަމެއް ކަމަށް ޕީޖީން ފާހަގަ ކުރެއެވެ.
މީގެ އިތުރުން ނޫމަޑިއަށް ލަގްޒަރީ ވިލާއެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ވިދާޅުވެ މުއިއްޒު ދެއްވާ ފައިވަނީ ދޮގު ބާޔަން ކަމަށް ޕީޖީން ބުނެއެވެ.