ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާ ޕާޓީއެއް އުފައްދަވާ ނަމަ، އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ފެނިވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ ފެކްޝަނުން އާ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަމަށް އިއުލާން ކުރެއްވުމުން އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފައްޔާޒް ވިދާޅުވީ، އެމްޑީޕީ ދެބައި ވިޔަ ނުދޭން، އެ ޕާޓީ ތެރޭގައި ހިޔާލު ތަފާތުވި ބޭފުޅުންނަށް ފިޔަވަޅު ނާޅާ މަޑު ކުރެއްވީ އެ ބޭފުޅުންނާއެކު މަސައްކަތް ކުރެއްވުމުގެ ވިސްނުމެއް ގެންގުޅުއްވާތީ ކަމަށެވެ. ނަމަވެސް އެ ބޭފުޅުން ޕާޓީން ވަކިވެ އާ ޕާޓީއެއް އުފައްދަން ނިންމާފައި ވާތީ، ރައީސް ނަޝީދު އެ ގޮތަށް ބޭނުންފުޅުވާ ނަމަ އެންމެ ރަނގަޅު ވާނީ އަންނަ ރިޔާސީ އިންތިހާބަށް މި ފަހަރު ކުރިމަތިލެއްވުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އޭނާ ވަރަށް އިހްތިރާމް ކުރައްވާ ކަމަށާއި އެއީ ޕާޓީ މެންބަރުންގެ ލޯބި ލިބިވަޑައިގެންފައިވާ ލީޑަރެއްގެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް ރައީސް ނަޝީދު، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކަމުގައި ވިޔަސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިހާބު ކާމިޔާބު ކުރެއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މަޖިލީހުގައި އެޕާޓީ ތަމްސީލް ކުރައްވާ 12 މެންބަރުން އެމްޑީޕީން ވަކިވުމާއެކު މިހާރު އެ ޕާޓީގެ އާންމު ބައެއް މެންބަރުން ވަކިވުމަށް ފޯމު ހުށަހަޅަމުން އަންނަ އިރު، އެއީ ވެސް އެމްޑީޕީއަށް ނޭދެވޭ އަަސަރެއް ކުރާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އިތުރު ތަފްސީލް ދެއްވަމުން ފައްޔާޒް ވިދާޅުވީ، މިހާރު ވެސް އެމްޑީޕީއަށް އިތުރު މެންބަރުން ގުޅެމުން އަންނަ ކަމަށާއި ޕާޓިން ބަޔަކު ވަކިވެގެން ދާ އިރު، އެއާ އެއްވަރަށް ޕާޓީއަށް އާ މެންބަރުން އިތުރުވަމުން ދާނެތީ މާބޮޑު ތަފާތެއް ނުފެންނާނެ ކަމަށެވެ.

ނަމަވެސް އެމްޑީޕީން ގިނަ މެންބަރުންތަކެއް ވަކިވެގެން ދިއުމަކީ ހިތާމަ ކުރައްވާ ކަމެއްގެ ގޮތުގައި ފައްޔާޒް ފާހަގަ ކުރެއްވިއެވެ. ހިސާބު ޖަހައިގެން ހިސާބު ހަދައިގެން މީގެ ކުރިން ވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަަމަށާއި ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރެއްވޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީދާރު ގާސިމް އިބްރާހިމް އާއި ރައީސް ނަޝީދު، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނަމަ ގޮން ޖެހުންތައް އެބަ ހުރި ކަމަށާއި ނަމަވެސް އެއްބުރުން ކާމިޔާބު ކުރުމަށް އެމްޑީޕީން ގިނަ މަސައްކަތްތަކެއް ފަށަިއގެން ކުރިއަށް ގެންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފިކުރެއްގެ ދިރުން ފެކްޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ، އާ ޕާޓީ އުފައްދަން ނިންމާފައި ވާ ކަމަށާއި، އަންނަ ހަފުތާގައި ރަޖިސްޓްރީ ކުރަން އީސީ އަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ޕާޓީއަށް ކިޔާނެ ނަމެއް އެ ޕްރެސް ކޮންފެރަންސްގައި އެ ފެކްޝަނުން ހާމައެއް ނުކުރެއެވެ. ބެލެވޭގޮތުގައި އެޕާޓީގެ ނަމަކަށް ވާނީ 'ފިކުރެއްގެ ދިރުން ޕާޓީ' އެވެ.