ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާ ކުރުމަށާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން އިތުރުކުރުމަށް ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން 64.8 މިލިއަން ޑޮލަރުގެ މަޝްރޫއެއް މިއަދު ފާސްކޮށްފިއެވެ.

ވޯލްޑް ބޭނުންކުން ބުނީ، މި މަޝްރޫއު ކުރިއަށް ގެންދާނީ ސަރަހައްދީ ފެންވަރުގައި މަސައްކަތް ކުރާ އިންޑިއަން އޯޝަން ކޮމިޝަނާއި ރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން ކަމަށެވެ. މި މަޝްރޫއަށް ޖުމްލަ 64.8 މިލިއަން ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެބޭންކުން ބުނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ، ތަރައްގީވަމުން އަންނަ ގައުމްތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވޯލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން އިންޑިއަން އޯޝަން ކޮމިޝަނަށް ދޭ 12 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އިތުރުން، އެ ގޮފިން ރާއްޖެއަށް ދޭ 26.4 މިލިއަން ޑޮލަރުގެ ލޯނާއި 26.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ ކަމަށް އެބޭންކުން ބުނެއެވެ. ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ ކަނޑު ރާއްޖެ އާއި އިތުރު 11 ގައުމަކުން ހިއްސާކުރެއެވެ.

ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް)ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ އަމާޒަކީ މުޅި ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަޙައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުންކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގައި ރާއްޖޭން ހޯދާފައިވާ ހަރުދަނާ ކާމިޔާބީ އަކީ ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ އެހެން ގައުމުތަކަށް ނަމޫނާއަކަށް ވެގެންދާނެ،
ވޯލްޑް ބޭންކުން ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް

މި މަޝްރޫއުގެ ސަބަބުން މަސްވެރިކަމާއި މެރިކަލްޗާ އަދި އެކުއަކަލްޗާ ފަދަ ގުޅުންހުރި ދާއިރާތަކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ދައުރެއް އަދާކުރުމަށް މަގުފަހިވެގެންދާނެ. ކަމަށާއި މިއީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ކުރިއެރުމަށް ހުރަސްއެޅޭ ގޮތަށް ހުރި ކަންކަމާއި އިންވެސްޓްމަންޓާއި ވިޔަފާރީގެ މާހައުލުގައި ހުރި ބަލިކަށިކަމަށް ހައްލެއް ހޯދުމަށް ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ދެމެދު ގާއިމްކޮށްފައިވާ މުހިންމު ގުޅުމުގެ ދަށުން ކުރިއަށްގެންދެވޭ މަޝްރޫއެއް ކަމަށް ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވިއެވެ.

ވޯލްޑް ބޭންކުން ބުނީ، މި މަޝްރޫއުގެ ދަށުން، މަސްވެރިކަމުގެ ސިނާއަތުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގައުމީ ފެންވަރުގައި ގާބިލުކަމާއި ހުނަރު ތަރައްގީކޮށް، ގުޅުންހުރި ގަވާއިދުތައް އެކުލަވާލެވިގެންދާނެ ކަމަށެވެ. ދިގު މުއްދަތުގެ އަމާޒަކީ، ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ، ހާއްސަކޮށް މި ސަރަހައްދުގެ ޖަޒީރާ ގައުމުތަކުގެ އިލްމާއި ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ސަރަހީއްދީ މަރުކަޒެއްގެ ގޮތުގައި ރާއްޖެއިން ހަރަކާތްތެރިވުން ކަމަށް ވެސް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން، ތިމާވެއްޓާ ރަށްޓެހި، ކާރިސާތަކަށް ތައްޔާރުވެފައިވާ އަދި އެންމެންގެ ބައިވެރިވުން އޮންނަ ވިޔަފާރި ފުޅާކުރުމުގެ އުސޫލުތަކެއްގެ ތެރެއިން މަސްވެރިކަމާއި އެ ސިނާއަތާ ގުޅުންހުރި ދާއިރާތައް ފުޅާކޮށް، ތަރައްގީކުރުން ހިމެނޭ ކަމަށް އެބޭންކުން ބުނެއެވެ.

މި މަޝްރޫއުގެ ސަބަބުން ސަރަހައްދީ އެއްބައިވަންތަކަމާއި އެއްބާރުލުން އިތުރުވެ، ގައުމުތަކުގެ މެދުގައި އުނގެނުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ،
ވޯލްޑް ބޭންކުގެ ޓާސްކް ޓީމް ލީޑަރު ސަޗިކޯ ކޮންޑޯ

އެކަމާ ގުޅިގެން ވޯލްޑް ބޭންކުގެ ލީޑް އެންވަޔަރަމެންޓަލް ސްޕެޝަލިސްޓް އަދި މި މަޝްރޫއުގެ ކޯ-ޓާސްކް ޓީމް ލީޑަރު ޓަޕަސް ޕޯލް ވިދާޅުވީ، ކަމާ ގުޅުން ހުރި ފަރާތްތަކުގެ އެކަށީގެންވާ ހުނަރާއި ގާބިލުކަން ހަރުދަނާކޮށް، ބަޔޯސެކިއުރިޓީ އާއި ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކުރުން ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމީ ފެންވަރުގައި ގާބިލުކަން ތަރައްގީކުރުމާއި ތިމާވެށީގެ ގޮތުން ހަރުދަނާ އަދި އުފެއްދުންތެރިކަން ކުރިއެރުވޭ ކަންކަން އަށަގަންނުވައި އާލާކުރުމަކީ މަސްވެރިކަމުގެ ސިނާއަތް ބެލެހެއްޓުމުގެ ބައެއް ކަމަށެވެ.

އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖެ އާއި ހުޅަނގު ދެކުނު އިންޑިއާ ކަނޑުގެ ސަރަހައްދުގެ ލާބަ އާއި މަންފާއަށްޓަކައި މިފަދަ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ވެސް ޓަޕަސް ޕޯލް ވިދާޅުވިއެވެ.