މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އިޓަލީގެ އިންޓާ މިލާން ދަތުރުކޮށްފިއެވެ. 13 އަހަރަށް ފަހު އިންޓާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އެޓީމާ އެންމެ ވާދަވެރި އޭސީ މިލާން 3-0 ގެ އެގްރިގޭޓް ސްކޯއަކުން ބަލިކުރުމަށް ފަހު އެވެ.
މި ދެ ޓީމުގެ ދެމެދު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގް އިންޓާ ވަނީ 2-0 ގެ މިދިޔަ ހަފްތާގައި ކާމިޔާބުކޮށްފައެވެ. އަދި ރޭ ސެމީގެ ދެވަނަ ލެގް ކުޅުނު އިރު އެމެޗު ވެސް އިންޓާ ކާމިޔާބުކުރިއެވެ. އިންޓާ ރޭގެ މެޗުން މޮޅުވީ 1-0 އިންނެވެ. މިމެޗުގައި އިންޓާ އިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ލަޓޫރޯ މާޓީނޭޒްއެވެ.
މެޗުގެ ކުރީ ކޮޅު އޭސީ މިލާންއިން ގިނަ ހަމަލާތައް އުފައްދާ އިންޓާގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް އިންޓާއިން ވަނީ ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކާފައެވެ. އަދި ދެވަނަ ހާފްގައި އިންޓާއިން ފުރުސަތުތައް އުފައްދާ މެޗުން މޮޅުވި ލަނޑު ޖެހީ މެޗުގެ 74 ވަނަ މިނެޓްގައެވެ. މެޗު ނިމުނީ މި 1-0 ގެ ނަތީޖާގައި އޮވެގެންނެވެ.
މިއީ 2010 ވަނަ އަހަރުގެ ފަހުން އިންޓާ މިލާން ޗެމްޕިއަންސް ލީގުގެ ފައިނަަށް ދިޔަ ފުރަތަމަ ފަހަރެވެ. އެފަހަރުގެ ފައިނަލްގައި އިންޓާއިން ވަނީ 2-0 އިން ޖާމަނީގެ ބަޔާން މިއުނިކް ބަލިކޮށް ތަށި އުފުލާލާފައެވެ.
މި ސީޒަންގެ ފައިނަލްގައި އިންޓާ ވާދަ ކުރަން ޖެހޭނީ ސްޕެއިންގެ ރިއާލް މެޑްރިޑް ނޫނީ އިންގްލޭންޑް މެންޗެސްޓާ ސިޓީއާއެވެ. މި ދެޓީމުގެ ސެމީގެ ފުރަތަމަ ލެގް 1-1 އިން އެއްވަރުވި އިރު ފައިނަލަށް ދާ ޓީމު ނިންމާނީ މިރޭ ސިޓީގެ ދަނޑުގައި އޮންނަ ސެމީގެ ދެވަނަ ލެގުންނެވެ.
މިފަހަރުގެ ޗެމްޕިއަންސްގެ ލީގުގެ ފައިނަލް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ތުރުކީގެ އިސްތަންބުލްގައެވެ.