ވޯލްޑް ރެކޯޑް ހެދުމަށްޓަކައި ނައިޖީއާގެ ކައްކާ ހިލްދާ ބަސީ ހުއްޓުމެއް ނެތި 100 ގަޑިއިރު ވާންދެން ކައްކައިފިއެވެ.

ހިލްދާގެ ހިތްވަރާއި ކެރުމަށް އެތައް ބަޔަކު ތައުރީފް ކުރަމުން އަންނަ އިރު، ރެކޯޑް ފޮތަށް އެރުމަށްޓަކައި އޭނާ ކައްކަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. 'މެރަތަން ކިޗަން ސީޒަން' ގައި އޭނާ އެ ރެކޯޑް ހަދާފައި ވަނީ 55 ރެސިޕީއެއް ހަދާ 100 ކެއުން ތައްޔާރު ކޮށްފައި ވެއެވެ.

ބަސީގެ މި ރެކޯޑް، މިންގަނޑުތަކާއި ހަމަތަކަށް ފެތޭތޯ ބެލުމުގެ މަސައްކަތް ގިނީސް ވޯލްޑް ރެކޯޑް ޓީމުން މިހާރު ބަލަމުން ގެންދާ އިރު، އޭނާ ފާސް ވެއްޖެ ނަމަ ކުރިން އެ ރެކޯޑް އޮތް އިންޑިއާގެ ކައްކާ ލަތާ ޓަންޑަންގެ ރެކޯޑް ވެއްޓޭނެއެވެ. ލަތާ އެ ރެކޯޑް ހަދާފައި ވަނީ 87 ގަޑިއިރާއި 45 މިނެޓް ވާންދެން ކައްކައިގެން 2019 ގައެވެ.

ބަސީ ތައްޔާރު ކުރި 55 ރެސިޕީއާއި 100 ކެއުމަކީ މުޅިންވެސް ނައިޖީރިއާ އަށް ހާއްސަ ކެއުންތަކެވެ. އޭނާ އެ ރެކޯޑް ހަދަމުން ބުނެފައި ވަނީ ނައިޖީރިއާ އަށް ހާއްސަ ކެއުންތައް ތައްޔާރު ކުރީ، ނައިޖީރިއާގެ ކެއުން ދުނިޔެއަށް މަޝްހޫރު ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

ނިދުމެއް ނެތި ބަސީ ކައްކަމުން ދިޔައިރު ވަރުބަލި ކަމާއި ހާސްކަމެއް ނުފެނެއެވެ. ލުއި ހަރަކާތަކާއެކު ނަށަމުން ނަށަމުން ކައްކަމުން ދިޔައެވެ. އޭނާ ކައްކާތަން ބެލުމަށާއި އޭނާ އަށް ހިތްވަރު ދިނުމަށް އެތައް 100 ކިލޯމީޓަރަކުން މީހުން ދަތުރު ކޮށްފައިވެސް ވެއެވެ. ބައެއް މީހުން 12 ގަޑިއިރުގެ ދަތުރު ކުރިއެވެ.