ރައީސްގެ ހާއްސަ އެވޯޑާއި ހައި އެޗީވަސް ސްކޮލަޝިޕްގައި ނުހިމެނޭ ދަރިވަރުންގެ ތެރެއިން މަދުވެގެން 3 މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް މެރިޓް ސްކޮލަޝިޕްގެ ނަމުގައި އާ ސްކޮލަޝިޕް ސްކީމެއް މި އަހަރު ފެށުމަށް ގަސްދުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ހަވާލުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، މިއީ ރައީސްގެ ހާއްސަ އެވޯޑާއި ހައި އެޗީވަސް ސްކޮލަޝިޕްގައި ނުހިމެނޭ ދަރިވަރުންގެ ތެރެއިން، ދަރިވަރަކު ޔުނިވަސިޓީގައި ފުރިހަމަ ކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާން ޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓާ ހޯދާ ދަރިވަރުންނަށް ސަރުކާރުން ހާއްސަ ކުރާ ސްކޮލަޝިޕެއް ކަމަށެވެ. މި ސްކީމާ ގުޅޭ އިތުރު ތަފްސީލުތައް، މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ފަރާތުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސްކޮލަރޝިޕްތަކާއި ލޯން ސްކީމްތަކާއި، އެވޯޑްތަކުގެ ހަގީީ މަގްސަދަކީ ޒަމާނީ ތައުލީމުން ދަރިވަރުންގެ ސިކުނޑިތައް ތަރައްގީ ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މަތީ ތައުލީމު ހާސިލުކުރުމަށް މީގެ ކުރިން ދުވަހަކު ވެސް ފަހިވެފައި ނެތް މިންވަރަށް ފުރުސަތުތަކާއި މިއިން ޒަމާނަކު ވެސް، ބޭރު ގައުމުތަކުން ސްކޮލަޝިޕް ނުލިބޭ މިންވަރަށް، އަދި ނުލިބޭ އެތައް ދާއިރާއަކުން، ސްކޮލަޝިޕްގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި މި ސަރުކާރުން ތައާރަފް ކުރި ހިލޭ ޑިގްރީ ޕްރޮގްރާމާއެކު ފުދުންތެރިކަން ނެތް އާއިލާތަކުގެ ދަރިވަރުންނަށް ވެސް، އިތުރަށް ކިޔެވުމަށް މީގެ ކުރިން ނެތް މިންވަރަށް ފުރުސަތުތައް ފުޅާވެ އިތުރުވެފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވި 17 ދަރިވަރުންނަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕްގެ ލިއުން ހަވާލުކޮށްފައެވެ. އެ ލިޔުން ހަވާކުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ހައި އެޗީވާސް ސްކޮލަޝިޕް ހާސިލް ކުރި 18 ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ލިޔުން ހަވާލުކޯށް ދެއްވާފައެވެ.