ބަޣާވާތަކުން ވެރިކަން ވައްޓާލައި މިހާރު ވެރިކަމުގައި އޮތް އަސްކަރިއްޔާ ބައިވެރިވާ 2 ޕާޓީގެ މައްޗަށް ތައިލޭންޑްގެ އިދިކޮޅު ކޯލިޝަނުން ކުރި ހޯދައިފިއެވެ.
ޕާލިމެންޓަރީ ސިސްޓަމަކަށް ވެރިކަން ކުރާ ތައިލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގެ 500 ގޮނޑީގެ ތެރެއިން އިދިކޮޅުން މިހާރު ވަނީ 286 ގޮނޑި ކާމިޔާބު ކޮށްފައެވެ. އިދިކޮޅު ލީޑް ކުރާ މޫވް ފޯވާޑް ޕާޓީ (އެމްއެފްޕީ) އާއި ކުރީގެ ބޮޑުވަޒީރު ތަކްޝިން ޝިނަވަޓްރާގެ ދަރިކަނބަލުންގެ ޕިއު ތައި ޕާޓީން އިންތިހާބު ކާމިޔާބު ކޮށް އުފާ ފާޅު ކުރަމުން ދާ އިރު ސަރުކާރެއް އެކުލަވާލެވިދާނެ ތޯ ވަނީ ސުވާލު އުފެދިފައެވެ.
ތައިލޭންޑްގެ ސިސްޓަމް އޮންނަ ގޮތުން ބޮޑުވަޒީރު ކަނދައެޅުމަށްޓަކައި ވޯޓު ދޭން ޖެހޭ ސެނޭޓަކީ އަސްކަރިއްޔާއިން ކަނޑައަޅާ 250 މެންބަރުން ތިބޭ ތަނެއް ކަމުން އެމީހުންގެ ވޯޓު ލިބިދާނެ ކަމާ މެދު ސުވާލު އުފެދިފައި ވެއެވެ.
އެހެން ކަމުން ވެރިކަމެއް އެކުލަވާލުމަށްޓަކައި އެމްއެފްޕީއާއި ޕިއު ތައި އިން މިހާރު މަސައްކަތް ފަށާފައި ވަނީ ކުދި ޕާޓީތައް ކޯލިޝަނުގައި ބައިވެރި ކުރުމަށެވެ.
މުރާސިލުން ބުނާގޮތުގައި މި އިންތިހާބުގައި ބޮޑު މެޖޯރިޓީއެއް ހޯދި އެމްއެފްޕީގެ ލީޑަރު، ހަވާޑް ގެ ގްރެޖުއޭޓް އުމުރުން 42 އަހަރުގެ ޕިޓާ ލިމްޖަރޯންރަތް އަކީ ދެން އެކުލަވާލައި ސަރުކާރުގެ ބޯޑުވަޒީރަށް ވާނެއެވެ. އެޕާޓީން އެކަނި 145 ގޮނޑި ހޯދާފައި ވާ އިރު ޕިއު ތައި ޕާޓީން ވަނީ 135 ގޮނޑި ހޯދާފައެވެ.
ތައިލޭންދްގެ މިހާރުގެ ބޮޑުވަޒީރު ޕަރްޔުތް ޗަން އޮޗާގެ ޔުނައިޓެޑް ތައި ނެޝަނަލް ޕާޓީ އުޅެނީ 36 ގޮނޑިއާއެކު 5 ވަނައިގައެވެ. އޭނާ ކުރިން ހުރި ޕާޓީ ޕަލަންގް ޕަރްޗަރަތް 40 ގޮނޑިއާއެކު 4 ވަނައިގައި އޮތް އިރު ތިންވަނައިގައި އޮތީ މިޙާރުގެ ސަރުކާރުގެ ކޯލިޝަން ބައިވެރިއާ އަދި ތައިލޭންޑްގައި މެރިޖުއާނާ ހުއްދަ ކުރަން ވަކާލާތު ކުރާ 70 ގޮނޑި އާއެކު ބުންޖައިތައިއެވެ.
ތައިލޭންޑްގެ އިންތިހާބު އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރި އިރު ތުރިކީގެ އާ ސަރުކާރު ހޮވުމަށް އިއްޔެ އެގައުމުގައި ބޭއްވި އިންތިހާބުގައި މިހާރުގެ ރައީސް ރަޖަބް ތޮޔިބް އުރުދުގާން ރޭގެ ނިޔަލަށް 56 ޕަސެންޓާއެކު ކުރީގައި އޮތް ނަމަވެސް މިހާރު ވަނީ 49 ޕަސެންޓަށް ވެއްޓިފައެވެ. މިހާތަނަށް 90 ޕަސެންޓް ވޯޓު ގުނާފައި ވާ އިރު އޭނާއާ އެންމެ ގާތުން ވާދަ ކުރާ އިދިކޮޅު ކެންޑިޑޭޓް ވަނީ 44 ޕަސެންޓާއެކު ފަރަގު ކުޑަ ކޮށްފައެވެ.
މި ނަތިޖާގައި އިންތިހާބު ނިމިގެން ގޮސްފި ނަމަ ދެވަނަ ބުރަކަށް ދާން ޖެހޭނެއެވެ. ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ އިންތިހާބު މިމަހުގެ 28 އަށް ތާވަލު ކޮށްފައި ވާ އިރު، އުރުދުގާންގެ ސަޕޯޓަރުން ބުނަނީ ފުރަތަމަ ފުރުން ނިމޭނެ ކަމަށެވެ. އަދި ނުގުނާ 10 ޕަސެންޓް ވޯޓު ސާފުވަ އިރު މެޖޯރިޓީ ލިބޭނެ ކަމަށް އެމީހުން ބުނެއެވެ.
އުރުދުގާން ދެވަނަ ބުރަކަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފި ނަމަ މިއީ ތުރުކީގައި ރިފޯމަށް މަސައްކަތް ކުރާ ފަރާތްތަކަށް 20 އަހަރު ވެރިކަމުގައި ހުންނެވި އުރުދުގާން ބޭރު ކޮށްލަން ލިބޭނެ ފުރުސަތެއް ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.