ހިލަ ބަރުކޮށްގެން ދިޔަ އެމްއެމް އެކްސްޕޯޓްގެ ބާޖަކާއި ޓަގުބޯޓެއް ހއ. ދިއްދޫ ފަރަށް އެރި މައްސަލައިގައި ފަރަށް ލިބުނު ގެއްލުން ބެލުމަށް ކުރާ ސާވޭ ނިންމާލައިފިއެވެ.
ދިއްދޫ ފަރަށް އަރާފައި ވަނީ އެމްއެމް އެކްސްޕޯޓްގެ "މުތާ ޕްރިންސަސް" ނަމަކަށް ކިޔާ ޓަގު ބޯޓެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު އިބްރާހިމް ނައީމް ވިދާޅުވީ، ދިއްދޫ ފަރަށް ލިބުނު ގެއްލުމުގެ ސާވޭ ނިންމައި ސާވޭ ޓީމް މިހާރު މާލެއަށް އައުމަށް ފުރާފައިވާ ކަމަށެވެ. އެ ފަރަށް ލިބުނު ގެއްލުމުގެ ތަފްސީލް ހާމަ ކުރެވޭނީ ހެދި ސާވޭ ރިޕޯޓް ނިންމާލުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ދިއްދޫ ފަރަށް ބާޖަކާއި ޓަގު އެރީ މި މަހުގެ ދެވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ބަނދަރުގެ މަސައްކަތް ކުރުމަށް ހިލަ ބަރުކޮށްގެން ދިޔަ ބާޖާއި ޓަގު ދިއްދޫ ފަރަށް އަރާފައި ވަނީ ރަށަށް ހިލަ ހުސް ކުރުމަށް ފަހު އަނބުރާ ދާން އުޅުމުގެ ތެރޭގައެވެ.
ފަރަށް އެރި ޓަގު ބޯޓު އޮތީ ފަރުމަތީގައި އޭގެ ބުރަފައްޗާއި، ފަށަނާ ފެންނަ ވަރަށް އަރިވެފައެވެ. އެހެންކަމުން އެ ބޯޓު އެ ސަރަހައްދުން ނެގުމަށް އިތުރު ބޯޓެއް ގެންގޮސްގެން ފުން ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެ ވަގުތު ބާޖު އަދި ޓަގުގައި ފަޅުވެރިން ތިބި ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި ގެއްލުން ލިބިފައެއް ނުވެއެވެ.
އެމްއެމް އެކްސްޕޯޓްގެ "މުތާ ރޯޔަލް" ނަމަކަށް ކިޔާ ޓަގް ބޯޓާއި "މުތާ ގްރޭސް" ކިޔާ ބާޖެއް ކ. ފުށިދިއްގަރު ފަރަށް 2015 ގައި ވެސް އެރިއެވެ. އެ މައްސަލައިގައި 110 މިލިއަން ރުފިޔާ ދައްކަން އެންގިތާ ހަތަރު އަހަރުވީ އިރު ވެސް ފައިސާ ދައްކާފައެއް ނުވެއެވެ. އެ ފަހަރު އެ ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވި ކަމަށް އީޕީއޭއިން ބުނެފައި ވެއެވެ.
އެ ކުންފުނީގެ ބޯޓެއް 2014 ވަނަ އަހަރުގެ ތެރޭގައި ތިލަފުށީ ފަރަށް ވެސް އަރާފައި ވެއެވެ. އެ މައްސަލަ ބެލުމަށް ފަހު އެ ބޯޓް 22 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރި ނަމަވެސް އެމްއެމް އެކްސްޕޯޓުގެ އެދުމުގެ މަތިން ފަހުން ވަނީ ޖޫރިމަނާ 2.8 މިލިއަން ރުފިޔާ އަށް ކުޑަކޮށްފައެވެ.
ތިމީހުން ނުދައްކާނެ. ދައްކަން ނުވެސް ޖެހޭނެ. ތިޔައީ މުޅި ރާއްޖޭގައި ހަންފަތުރާފައޮތް ބައެއް. މޯދީއާއިވެސް ގުޅިފަ. ފައިސާ ހޯދައިފިއްޔާ މޮޅުު